ދުނިޔެ

މައްސަލަ ހައްލު ނުވިޔަސް ދެގައުމު މައިތިރިވާން ޖެހޭ: އޮބާމާ

ވޮޝިންޓަން (ރޮއިޓާސް) - ފަލަސްތީނާއި އިޒްރޭލުގެ ދެމެދުގައި ހުރި ހުރިހާ މައްސަލަތަކަށް އަދި ހައްލެއް ހޯދިފައި ނުވިޔަސް ދެގައުމު ވެސް ހަރުކަށިކަން ދޫކޮށް މައިތިރިވާންޖެހޭ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.

އޮބާމާ އިއްޔެ ވިދާޅުވީ ފަލަސްތީނުގެ ކުށެއް ނެތް އާންމުންނަށް ދޭ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައީސް އަށާއި އިޒްރޭލުގެ ބޮޑުވަޒީރަށް އޮބާމާ ގޮވާލެއްވީ އެ ވެރިއެއްގެ ގައުމު މައިތިރިކޮށް، މަސްރަހު ފިނިކޮށް، އާންމުން ރުޅިނާރުވައި، އޮޅުންބޮޅުންތައް އިތުރު ނުވާނެ ގޮތަކަށް މަސައްކަތް ކޮށްދެއްވުމަށެވެ.

ފަލަސްތީނުގައި އިތިރު ވަމުންދާ ހަމަނުޖެހުންތަކާމެދު މަޝްވަރާ ކުރުމަށް އެމެރިކާގެ އިސް އޮފީޝަލަކު އަންނަ ހަފްތާގައި އިޒްރޭލަށް ވަޑާއިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އޮބާމާ ވަނީ ފަލަސްތީނާއި އިޒްރޭލު ހިމެނޭ ސުލްހަވެރި ހައްލަކަށް ތާއީދުކޮށް ވެސް ވާހަކަ ދައްކަވާފައެވެ. އަދި ދެ ގައުމުން ބޭނުން ވެއްޖެ ކޮންމެ ވަގުތެއްގައި މިފަދަ ސުލްހަވެރި ގުޅުމެއް ދެގައުމުގެ މެދުގައި އުފައްދައި ދިނުމަށް އެހީތެރިވާން އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ވެސް އޮބާމާ ވިދާޅުވިއެވެ.

އަލް އަގްސާ މިސްކިތުގެ މައްސަލައިގާ ދެގައުމުގެ މެދުގައި ހަމަނުޖެހުން އިތުރުވެފައި ވާއިރު ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހު ފަލަސްތީނުގެ ސާޅިހެއްހާ މީހުންނާއި އިޒްރޭލުގެ ހަތް މީހަކު މަރުވެފައި ވެއެވެ. އިއްޔެ އެކަނި ވެސް އިޒްރޭލުން ފަލަސްތީނުގެ ހަތަރު މީހުން މަރާލިއެވެ. މީގެ ތެރޭގައި ނޫސްވެރިއަކަށް ހެދިގެން އިޒްރޭލު ސިފައިންގެ މީހެއް ގަޔަށް ވަޅިޖެހި މީހާ ވެސް ހިމެނެއެވެ.