ޔުވެންޓާސް

ނަތީޖާ ނެރުމުގައި ޔުވެންޓަސްއަށް އުނދަގޫ ވެއްޖެ

ހެލަސް ވެރޯނާ އާ ދެކޮޅަށް ކުޅުނު މެޗުގައި ޔުވެންޓަސް މޮޅު ނުވެވި ނަތީޖާ ނެރުމުގައި އަނެއްކާ ވެސް އުނދަގޫ ކުރިމަތި ވެއްޖެ އެވެ.

މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީ ހެލަސްއިންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ މެޗުގެ 60 ވަނަ މިނެޓްގައި އަންޑްރެއާ ފަވީލީ އެވެ. އޭނާ ލަނޑު ޖެހީ މަޓީއާ ޒަކާނީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ޔުވެންޓަސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އަލްވާރޯ މޮރާޓާ ތަނަވަސް ކޮށްދިން ފުރުސަތަކުން ޑެޖާން ކްލްސެވްސްްކީ އެވެ.

ޔުވެންޓަސް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އެ ޓީމު ވަނީ އެއްވަރުވެފަ އެވެ. އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. ރޯމާ، ކްރަޓޯނޭ އަދި ވެރޯނާ އާ ދެކޮޅަށް ކުޅުނު މެޗުން ވީ އެއްވަރެވެ. އެ ޓީމު މޮޅުވީ ސެމްޑޯރިއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. ނަޕޯލީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ނަޕޯލީ ހާޒިރު ނުވުމުން ޔުވެންޓަސް 3-0 ން މޮޅުވީ ކަމަށް ނިންމީ އެވެ.

ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗް އަންޑްރެއާ ޕިރްލޯ ބުނީ، މެޗުގެ ފުރަތަމަ ހާފުގައި އޭނާގެ ޓީމުން ފެންނަން ޖެހޭ އެގްރެސިވްކަން ފެނިގެން ނުދިޔަ ކަމަށެވެ.

"އެހެން ނަމަވެސް އެންމެ ރަނގަޅު ފުރުސަތުތައް އުފެއްދީ އަހަރެމެންގެ ޓީމުން،" ޕިރްލޯ ބުންޏެވެ. "އެ ޓީމު ލީޑް ނެގީމަވެސް އަހަރެމެން އެކަމާ ރިއެކްޓް ކުރިލެ ރަނގަޅު."

"ވެރޯނާ އަދި އެޓަލާންޓާ އާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އުނދަގޫ ކުރިމަތި ކުރާނެ އެވެ، އެއީ އެ ޓީމުން މުޅި މެޗުގައި ކޮންމެ ކުޅުންތެރިޔަކަށް ކުޅުންތެރިޔަކު ޕްރެސް ކުރާނެ އަދި ގިނަ ފަހަރަށް ދެ ކުޅުންތެރިން އެކީގައި ކައިރިވެ ޕްރެސް ކުރާނެ."