ހަބަރު

ވީއައިއޭ އަށް ރެކޯޑު އަދަދަކަށް ޕްރައިވެޓް ޖެޓު ޖައްސައިފި

މި މަހުގެ މިހާތަނަށް 126 ޕްރައިވެޓު ޖެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ، ޖުލައި 15 ގައި ބޯޑަރު ހުޅުވި ފަހުން ޕްރައިވެޓު ޖެޓުތައް އަންނަ މިންވަރު ދަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން، މި މަހު މިހާތަނަށް އެއާޕޯޓަށް 126 ޖެޓު ޖައްސާފައިވާ ކަމަށެވެ.

ޕްރައިވެޓު ޖެޓުތައް އައި ގޮތުގެ ތަފާސްހިސާބެއް އެމްއޭސީއެލުން ވަނީ ޓްވިޓާގައި ހިއްސާ ކޮށްފަ އެވެ. އެއިން ދައްކާ ގޮތުގައި، ބޯޑަރު ހުޅުވި މަހު ރާއްޖެ އައީ 28 ޖެޓެވެ. އޯގަސްޓުގައިި 59 އަދި ސެޕްޓެމްބަރުގައި 60 ޖެޓު ޖެއްސި އެވެ. އަދި މި މަހުގެ މިހާތަނަށް 126 ޖެޓު ޖައްސާފައިވެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި މިއީ މިދިޔަ މަހާ އަޅާ ބަލާއިރު ބޮޑު ކުރި އެރުމެކެވެ.

ބޯޑަރު ހުޅުވި ފަހުން މިއަދާ ހަމައަށް، 273 ޖެޓު ވީއައިއޭގައި ޖައްސާފައިވެ އެވެ. ޖުލައި 15 ގައި ބޯޑަރު ހުޅުވުމަށްފަހު ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން ދޭ، ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެއަށް ލިބުނީ މިދިޔަ މަހު އެވެ.

ބޯޑަރު ހުޅުވުމުގެ ކުރިން ސަރުކާރުން ކުރި ދިރާސާ އިން ދެއްކި ގޮތުގައި ރާއްޖެ އަށް 800،000 ޓޫރިސްޓުން އަންނާނެ އެވެ. ނަމަވެސް މިހާރު ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައި ވަނީ މި އަހަރު އަންނާނީ 100،000 ޓޫރިސްޓުންނެވެ. މިހާތަނަށް އައިސްފައިވަނީ 9،000 އެއްހާ ޓޫރިސްޓުންނެވެ.