ތަޖުރިބާކާރު ދެ ޑިފެންޑަރުން ކަމަށްވާ ޝާފިއު އަހްމަދު (ޝާފީ) އާއި އަހްމަދު ފައްރާހް (ފައްރަ) ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު (ސަސްޕަޓީސް) އާ ގުޅިއްޖެ އެވެ.
މިދިޔަ ފަސް އަހަރު ފައްރަ ކުޅުނީ ޓީސީ ސްޕޯޓްސް ކުލަބަށެވެ. ބަންގުލަދޭޝްގައި 2017 ވަނަ އަހަރު ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކަޕް ޓީސީން ހޯދުމުގައި ފައްރަ މުހިންމު ދައުރެއް އަދާ ކުރި އެވެ. ކުލަބު ވެލެންސިއާ އަށް ކުރިން ކުޅުނު ފައްރަ ވަނީ ދިވެހި ޕްރިމިއާ ލީގް 2018 ވަނަ އަހަރު ޓީސީއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.
ވިލިމާލެއަށް ކުރިން ނިސްބަތްވި ވިޔަންސާއިން ކެރިއާ ފެށި ފައްރަ ވަނީ އެ އަހަރުގެ އެއް ވަނަ ކުލަބު ވިޔަންސާއިން ހޯދިއިރު ކުރިން ޓީސީގައި އޭނާ ކޯޗް ކޮށްދިން މާޒިޔާގެ މިހާރުގެ ކޯޗް މުހައްމަދު ނިޒާމް އާއެކު ރަނގަޅު ކުޅުމެއް ވިޔަންސާގައި ދައްކާފަ އެވެ. ފަހުން ނިއު ރޭޑިއަންޓަށް ވެސް ކުޅުނު ފައްރަ އެންމެ ރަނގަޅަށް ކުޅެފައި ވަނީ ނިޒާމްގެ ކޯޗް ކަމުގެ ދަށުން ޓީސީގަ އެވެ. 2018 ގައި ދެއްކި މޮޅު ކުޅުމާއެކުވެސް ގައުމީ ޓީމުގައި އޭނާ ނުހިމެނުމުން މީޑިއާއިންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރުން ވަނީ އެކަމާ ސުވާލު އުފައްދާފަ އެވެ.
ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކަށް ކުޅުނު ޝާފީ މިދިޔަ އަހަރު ކުޅުނީ ޔުނައިޓެޑް ވިކްޓަރީ އަށެވެ. މިދިޔަ ސީޒަނަށް ޔުނައިޓެޑް ވިކްޓަރީން ރަނގަޅު އަގެއްގައި ސޮއި ކުރުވި ކުޅުންތެރިންގެ ތެރޭގައި ޝާފީ އާއި ލެފްޓް ވިންގާ އަހްމަދު ނާޝިދު (ނާއްޓޭ) ހިމެނެ އެވެ. ގައުމީ ޓީމުގެ ކުރީގެ ވައިސް ކެޕްޓަން ޝާފީ ވަނީ 2017 ވަނަ އަހަރާ ހަމައަށް ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދާފަ އެވެ.
ފުރަތަމަ ޑިވިޝަނަށް ސަސްޕަޓީސް ނުކުންނައިރު، ދެ ވަނަ ޑިވިޝަންގައި އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން އެ ޓީމުގައި ވަނީ މަޑުކޮށްފަ އެވެ. އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ، ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗް އަހްމަދު ނާޝިދު (ނާދު) އެވެ. އޭނާ ސަސްޕަޓީސް އަށް ސޮއި ކުރީ އެއް އަހަރެވެ.
ނާދުގެ ކޯޗް ކަމުގެ ދަށުން، އަންހެން ޓީމުން ވަނީ މިދިޔަ ޑިސެމްބަރު މަހު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްއިން ބްރޯންޒް މެޑަލް ހޯދާފަ އެވެ. ފުރަތަމަ ޑިވިޝަންގައި ކުރިން ވިކްޓަރީ އަދި އޭވައިއެލްއަށް ކޯޗްކޮށްދިން ނާދު ވަނީ އެއް އަހަރު ތެރޭ ދެ ޑިވިޝަންގެ ޗެމްޕިއަންކަން ދެ ޓީމަކަށް ހޯދައިދީފަ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު ކުރީކޮޅު އޭނާ ވަނީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޒެފްރޯލްއަށް ހޯދައިދީފަ އެވެ. އަދި އެ އަހަރު ފަހު ކޮޅު ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބަށް ހޯދައިދިނެވެ.
ވެލެންސިއާ 2010 ވަނަ އަހަރު ރެލިގޭޓްވާން ދަނިކޮށް، ނާދު ވަނީ އެ ޓީމާ ހަވާލުވެ ރެލިގޭޝަންގެ ޕްލޭއޮފް ކާމިޔާބު ކޮށް ވެލެންސިއާ ފުރަތަމަ ޑިވިޝަންގައި ދެމިއޮތުން ޔަގީން ކޮށްދީފަ އެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް ވެގެންދާނީ، ފުރަތަމަ ޑިވިޝަންގައި ނާދު ކޯޗްކޮށްދޭ ހަތަރު ވަނަ ކުލަބަށެވެ.
މިދިޔަ މަހު 'އަވަސް' އަށް ދިން އިންޓަވިއުގައި ނާދު ބުނެފައި ސަސްއަކީ އޭނާގެ އެކުވެރި ކުދިންތަކެއް ހިނގާ ރަނގަޅު ޕްލޭނެއް އޮތް ކުލަބެއް ކަމަށެވެ.
"ފުޓްބޯޅައިގެ ރަނގަޅު ވިސްނުތަކެއް ގެންގުޅޭ އަހަންނާވެސް ވަރަށް ގާތް އެކުވެރި ކުދިންތަކެއް ހިންގާ ކުލަބެއް، އަނެއްކާ ރަނގަޅު ޕްލޭނަކާއެކު ދުރު މުސްތަގުބަލަށް ވިސްނައިގެން މަސައްކަތް ކުރުމުގެ ވިސްނުންތަކެއް މި ކުލަބުގައި އެބަހުރި." ނާދު ބުންޏެވެ.
ނާދުގެ އެސިސްޓެންޓްގެ ގޮތުގައި އެ ކުލަބުގައި މަސައްކަތް ކުރާނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް ފަރީދު މުހައްމަދާއި ނިއު ރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓަރީގެ ކުރީގެ ގޯލް ކީޕަރު ކޯޗް ހަސަން ހަމީދު (ޑަކޭ) އެވެ. އެ ޓީމުގެ ޕްރެކްޓިސް މާމދަމާ ފެުމަށް ވަނީ ތާވަލު ކޯށްފަ އެވެ.