ދ. ކުޑަހުވަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުޑަކުއްޖާގެ ދޮންބައްޕަ، އިބްރާހިމް ޝުޖާއުގެ މައްޗަށް ކުށް ސާބިތުވެ 15 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.
މީގެ ހަތް އަހަރު ކުރިން ހިނގި މިހާދިސާ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ނަމަވެސް މި މައްސަލަ ސާބިތުނުވާ ކަމަށް ނިންމާ އެ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެކަމަކު އެ ކޯޓުގެ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން އެގަޟިއްޔާ ހައިކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ.
ދައުލަތުން ވަނީ އިބްރާހިމް ޝުޖާއުގެ މައްޗަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ އުފުލާފަ އެވެ.
ދައުލަތުން ހައިކޯޓުގައި ިއސްތިއުނާފް ކުރި ދައުވާގައި ބުނެފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައި ޝުޖާއު މި ކުޑަކުއްޖާގެ މަންމަ އާޢި ކައިވެނިކޮށް ކުޑަހުވަދުއަށް ބަދަލްވި ކަމަށެވެ. އަދި އޭގެ ފަހުން އެކި ދުވަސް މަތިން އުމުރުން 10 އަހަރުގެ މި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޝުޖާއު ވަނީ ދައުވާ އަށް އިންކާރު ކޮށްފަ އެވެ.
ދައުލަތުން ވަނީ ޝުޖާއު އާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އެގޮތުން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯތުން އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ނިންމާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ
އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާއާއި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް
ރިއާޔަތް ނުކޮށް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން ތައްޔާރުކޮށްފައިވާ ކުއްޖާއާ ބެހޭ ރިޕޯޓަކީ ކުއްޖާއާއި ކުއްޖާގެ މަންމަ ކިޔައިދީފައިވާ ކިޔާދިނުމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ކުއްޖާއާ ބެހޭ ރިޕޯޓަކަށްވާތީ، އެރިޕޯޓަކީ ހެއްކެއްކަމަށް ބަލައިގަނެވޭނެ ރިޕޯޓެއްނޫން ކަމަށާއި، ކުއްޖާގެ މަންމަ ހެކިބަސް ދީފައިވަނީ ކުއްޖާ ކިޔައިދިން ކިޔާދިނުމެއްގެ މައްޗަށްކަމަށް ވާތީ ކުއްޖާގެ މަންމަގެ ހެކިބަހަކީ ގަރީނާއެއްކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވާކަމަށްވެސް ދައުލަތުން ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި "މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ނިންމި ނިންމުމެއްކަމަށްވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.
ދައުލަތުން ވަނީ ކުޑަކުއްޖާ އޭނާގެ މަންމަ އަށ ްކިޔާދީފައިވާ ވާހަކަތަކާއި އިބްރާހިމް ޝުޖާއު އޭނާ އާއި މެދު އަމަލު ކުރަމުންދާ ގޮތުގެ ތަފްސީލު ކިޔައިދީފައިވާ އޯޑިއޯ އަދި ފުލުހުންގެ ތަހުގީގީ ރިޕޯޓުވެސް ހުށަހަޅާފަ އެވެ.
މި ހުރިހާ ކަމަކަށް ރިއާޔަތް ކޮށް ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ހުކުމަކީ ބާތިލް ހުކުމެއް ކަމަށެވެ.
މި މައްސަލައިގައި މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އެ ކުއްޖާގެ ދޮންބައްޕަ އިބްރާހިމް ޝުޖާއު އެކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައިވާކަން ޝައްކެއްނެތް މިންވަރަށް ޔަގީންވާ ކަމަށެވެ. އެގޮތުން އެކި ފަހަރު މަތިން އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް އެ ކުއްޖާގެ މަންމަ އާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނަށް ކިޔައިދީފައި ވާއިރު، އެ ކުއްޖާ އަށް ޖިިންސީ އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމަށް ހުކުމުގައި ވެ އެވެ. އަދި އެކި ފަރާތްތަކަށް އެ ކުއްޖާ ކިޔައިދީފައިވާ ކިޔުންތަކުގައި ޝައްކެއް އުފެދޭ މިންވަރުގެ ފުށުއެރުންތަކެއް ނެތް ކަމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.
ހައިކޯޓުން މިއަދި ކުރި ހުކުމުގައި ބުނެފައިވަނީ، އެފަދަ މައްސަލަތައް މައިގަނޑު ގޮތެއްގައި ބިނާވާނީ އަނިޔާ ލިބޭ ކުއްޖާ ބުނާ ބުނުމުގެ މައްޗަށް ކަމަށް ވާއިރު، އިބްރާހިމް ޝުޖާއުގެ ބެލުމުގެ ދަށުގައި ހުރެ އޭނާއާ ބެހޭގޮތުން އެފަދަ ދޮގު ވާހަކައެއް އެ ކުއްޖާ ހަދަހަދައިގެން ދައްކަފާނެ ކަމަށް ބެލެވޭ ސަބަބުތަކެއް ފެންނާކަށް ނެތް ކަމަށެވެ. އެހެންކަމުން އެ ދައުވާ ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ތިން ފަނޑިޔާރުން ވަނީ ނިންމާފަ އެވެ.
އަދި ޖިންސީގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަން ޝުޖާއުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާއި ހައިކޯޓުން ވަނީ 15 އަހަރަށް އޭނާ ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ.