މެންޗެސްޓާ ސިޓީއާއެކު މި ސީޒަންގައި މިހާތަނަށް ނެރުނު ނަތީޖާތަކުން ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ކުރިމަތިވި ސީޒަންގެ އެންމެ ދަށް ފެށުމާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި ދެ މޮޅު އަދި ދެ މެޗު އެއްވަރު އަދި އެއް މެޗުން ބަލިވެ ސިޓީ އޮތީ ތާވަލުގެ 13 ވަނައިގަ އެވެ. ގާޑިއޯލާ މިހާތަނަށް ކޯޗް ކޮށްދިން އެއްވެސް ސީޒަނެއްގެ ކުރީކޮޅު މިހާ ހިސާބަށް ވެއޓިފައެއް ނުވެ އެވެ. މިދިޔަ ހޮނިހިރު ދުވަހު ވެސްޓްހަމް އާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީ ވަނީ ވެސްޓްހަމް ޔުނައިޓެޑް އަތުން 1-1 އެއްވަރުވެ ޕޮއިންޓް ގެއްލިފަ އެވެ. ލީޑްސް އާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވީ އެއްވަރެވެ. އަދި ލެސްޓާ އަތުން ވަނީ ބަލި ވެފަ އެވެ.
"ސީޒަންގެ މިހާހިސާބަށް ދިޔައިރު އަހަރެމެން އަތުން ހަތް ޕޮއިންޓް ގެއްލިއްޖެ އެއީ ވަރަށް ބައިވަރު،" ވެސްޓްހަމް އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ. "އަހަރެމެންނަށް އެބަހުރި އުނދަގޫތަކެއް. އަހަރެމެން ކުރިއަށް ދާން ޖެހޭނީ މެޗަކަށް ފަހު މެޗަކަށް ވިސްނަމުން. އެއަށް ފަހު ދެން ބަލަން ޖެހޭނީ ދެން ވާނެ ގޮތެއް."
ފަސް މެޗުން ލިބުނު އަށް ޕޮއިންޓާއެކު ސިޓީ އޮތީ އެންމެ ކުރީގައި އޮތް އެވަޓަން އަދި ލިވަޕޫލަށް ވުރެ ފަސް ޕޮއިންޓް ފަހަތުގަ އެވެ. ބާސެލޯނާ އާއެކު ހޭދަ ކުރި ތިން ސީޒަނާއި އަދި ބަޔާން މިޔުނިކާއެކު ވެސް ހޭދަ ކުރި ތިން ސީޒަނާއި މެންޗެސްޓާ ސިޓީ އާއެކު ހޭދަ ކުރި މިދިޔަ ހަތަރު ސީޒަންގައި ވެސް ފުރަތަމަ ފަސް މެޗަށް ފަހު ލީގްގެ ފަސް ވަނައަށް ވުރެ ދަށަށް ގާޑިއޯލާގެ ޓީމެއް ވެއްޓިފައެއް ނުވެ އެވެ.
މީގެ ކުރިން ގާޑިއޯލާގެ ކެރިއަރުގައި ލީގްގެ ފުރަތަމަ ފަސް މެޗަށް ފަހު ދަށް ކޮށް ދިޔައީ ބާސެލޯނާ އާއެކު 2008-09 ގެ ފުރަތަމަ ފަސް މެޗުން އަދި ސިޓީއާއެކު ހޭދަކުރި 2019-20 ސީޒަންގަ އެވެ. އެ ދެ ސީޒަންގައި ވެސް ފުރުތަމަ ފަސް މެޗުން ބާސާ އާއި ސިޓީއަށް ވެސް ހޯދުނީ 10 ޕޮއިންޓެވެ.
ފުރަތަމަ ފަސް މެޗުގައި، މިހާތަނަށް ޖެހި ލަނޑުތަކާއި ބައިކޮޅަށް ވަން ލަނޑުތަކާއެކު، މިހާ މަދު އަދި މިހާ ގިނައިން ބައިކޮޅަށް ލަނޑު ވަން ސީޒަނެއް ނެތެވެ. ސިޓީއަށް ޖެހުނީ އަށް ލަނޑެވެ. އަދި ބައިކޮޅަށް ވަނީވެސް އަށް ލަނޑެވެ. ޕޮޒެޝަން ގޭމަށް ބަލާއިރު ގާޑިއޯލާގެ ސިޓީ އާ ގާތް ކުރާ އަދަދަކަށް އެހެން ޓީމަކަށް ޕޮޒެޝަން ކޮންޓްރޯލް ކުރެވިފައެއް ނުވެ އެވެ. ޕޮޒެޝަން ގޭމްސް ސިޓީ ވަނީ 63 ޕަސަންޓް ކޮންޓްރޯލް ކޮށްފަ އެވެ.