ހަބަރު

ދެ ރަށެއްގެ ނަރުދަމާ ނިންމަން ފެންކުންފުންޏާ ހަވާލުކޮށްފި

ޅ. ނައިފަރުގެ ފެނާއި ނަރުދަމާ އަދި ތ. ވޭމަންޑޫގެ ނަރުދަމާގެ ނުނިމި ހުރި މަަސައްކަތްތައް ފެން ކުންފުންޏާ ހަވާލުކޮށްފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީ އާ މި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، މަޝްރޫއުތަކަށް ފަންޑު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އައިޑީބީ އާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ފޭސް 2 ލޯނު އެހީގަ އާއި ސަރުކާރު ބަޖެޓުންނެވެ.

  • ނައިފަރު ނަރުދަމާގެ މަސައްކަތަށް 24 މިލިއަން ރުފިޔާ (އައިޑީބީ: 14 މިލިއަން، ސަރުކާރުން: 10 މިލިއަން)
  • ނައިފަރު ފެނުގެ ނިޒާމުގެ މަސައްކަތަށް 13 މިލިއަން ރުފިޔާ (އޮފިޑް: 9 މިލިއަން، ސަރުކާރުން: 3 މިލިއަން)
  • ވޭމަންޑޫ ނަރުދަމާގެ މަސައްކަތަށް 17 މިލިއަން ރުފިޔާ (އައިޑީބީ: 10 މިލިއަން، ސަރުކާރުން: 7 މިލިއަން)

މަޝްރޫއުގެ ދަށުން، ނައިފަރާއި ވޭމަންޑޫގެ ނަރުދަމާ މަސައްކަތް ނިންމުމަށް ހޮޅި ވަޅު ނުލައި ހުރި ސަރަހައްދުތަކުގައި ހޮޅި ވަޅުލުމާއި ޕަމްޕު ސްޓޭޝަނާއި އިދާރީ އޮފީހުގެ ފިނިޝިން މަސައްކަތް ކުރުމުގެ އިތުރުން ސްވޭޖް ޓްރީޓްމަންޓް ޕްލާންޓްގެ ފިނިޝިން މަސަައްކަތްތައްވެސް ކުރާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދިނެވެ.

ނައިފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމަން ފެން ހޮޅި ވަޅުލުމާއި އާރްއޯ ޕްލާންޓު އިންސްޓޯލް ކުރުމާއި ސްޓޯރޭޖް ޓޭންކު މަރާމާތުކޮށް ގޭގެއަށް ފެން ގުޅައިދޭނެ ކަމަށެވެ. އަދި، ފެން ޓެސްޓު ކުރާ ވަސިލަތްތަކާއެކު ލެބޯޓްރީއެއް ހެދުމާއި އިދާރީ ބައި މަރާމާތު ކުރާނެ ކަމަށެވެ.

ނައިފަރު ފެނާއި ނަރުދަމާގެ މަސައްކަތް އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ލެ-ޓްރިވެނީ ޖޭވީ އާ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހު އެވެ.