ގޯލް ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ ކޮވިޑް-19 އަށް ޕޮޒިޓިވުމުން އޭނާ ނެތި ކުޅެން ޖެހުނު ފުރަތަމަ މެޗުން، އޭއެސް ރޯމާ އާ ދެކޮޅަށް އެސީ މިލާނަށް ޕޮއިންޓް ގެއްލިއްޖެ އެވެ.
ޑޮނަރުއްމާގެ އިތުރުން ވިންގާ ޖެންސް ޕީޓާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މިލާންއިން ބުނީ ޓީމުގެ އިތުރު ތިން އޮފިޝަލަކުވެސް ވައިރަހަށް ޕޮޒިޓޮވްވެ އެކަހެރިވެފައިވާ ކަމަށެވެ. އިތުރު މީހަކު ޕޮޒިޓިވް ވެފައެއް ނުވެ އެވެ. ޑޮނަރުއްމާގެ ބަދަލުގައި ރޭގެ މެޗުގައި މިލާންގެ ގޯލް ބެލެހެއްޓީ ރޮމޭނިއާގެ ކީޕަރު ޗްޕްރިއާން ޓަޓަރުޝާނު އެވެ.
ރޭގެ މެޗާ ހަމައަށް ލީގްގެ ހުރިހާ މެޗެއްގައި 100 ޕަސަންޓް ރެކޯޑެއް ދަމަހައްޓަމުން އައި މިލާން ރޯމާ އަތުން އެއްވަރުވީ 3-3 ންނެވެ. މިލާން މޮޅުވާން ދަނިކޮށް ރޯމާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ ފަހު ވަގުތުގައި މަރާޝް ކުމްބުލާ އެވެ.
މެޗުގައި، އުމުރުން 39 އަހަރުގެ ޒްލަޓާން އިބްރޮހިމްވިޗް ވަނީ ދެ ލަނޑު ޖަހާފަ އެވެ. މިލާންގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ދެ ވަނަ މިނެޓްގައި އިބްރޮހިމްވިޗް ލަނޑު ކާމިޔާބު ކުރީ ރަފޭލް ލިއޯއޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އޭގެ 12 މިނެޓް ފަހުން ލޮރެންޒޯ ޕެލެގްރިނީ ނަގައިދިން ބޯޅައިން އެޑިން ޒެކޯ ބޮލުން ކާމިޔާބު ކުރި ލަނޑުން ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
ދެ ވަނަ ހާފުގައި ނުކުމު އެލެކްސިސް ސައެލެމޭކާސް ވަނީ މިލާންއަށް އަލުން ލީޑް ނަގައިދިފަ އެވެ. ރޯމާއިން ނަތީޖާ ހަމަހަމަ ކުރީ ސުވާލު އުފެދުނު ޕެނަލްޓީ އަކުން ޖޯޑަން ވެރެޓޮއުޓް އެވެ. މިލާންއިން އަލުން ލީޑް ނެގީ ލިބުނު ޕެނަލްޓީ އަކުން އިބްރޮހިމޮވިޗެވެ. އެއީ އޭނާގެ ހަ ވަނަ ލަނޑެވެ. ކުމްބުލާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 84 ވަނަ މިނެޓްގަ އެވެ.
މިލާންއަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ ނަޕޯލީ އާއި ސައުއޯލޯއަށް ވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެންނެވެ. ރޯމަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ.