ބާސެލޯނާ

އިސްތިއުފާވެސް ނުދޭނެ، ހުށަހެޅީ ވޯޓް ބާތިލު ކުރަން

އެފްސީ ބާސެލޯނާގެ ރައިސް ކަމުން ޖޯސެފް މާރިއާ ބާޓޮމެއު އިސްތިއުފާ ދޭން ދެކޮޅު ހައްދަވައި، އޭނާ ވަކި ކުރަން ހުށަހާޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލު ކުރުމަށް އެދިއްޖެ އެވެ.

ބާސާގެ ސަޕޯޓަރުންގެ ގުރޫޕަކުން ވަނީ، ކުލަބުގެ މެންބަރުންގެ ތެރެއިން 17،000 މެންބަރުންގެ ސޮއިކޮށް ބާޓޮމެއުގެ އިތުރުބާރު ނެތް ކަމަށް ވޯޓް ނެގުމަށް ހުށަހަޅާފަ އެވެ. ބާސެލޯނާ ނިސްބަތްވާ ކަޓަލާންގެ ސަރަހައްދީ ސަރުކާރުން ވަނީ އަންނަ މަހު ދޭއް ނުވަތަ ތިން ވަނަ ދުވަހުގައި އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށް އިންތިޒާމްތައް ހަމަޖައްސާފަ އެވެ.

ކަޓަލާން ސަރުކާރުގެ ވަގުތީގޮތުން ހިންގަވަން ހުންނެވި ޕަރޭ އަރަގޯނޭޒް އަށް ބާސާއިން ފޮނުވާފައިވާ ސިޓީގައި ވަނީ އިންތިހާބު ސަސްޕެންޑް ކުރަން އެދިފަ އެވެ. އިތުބާރު ނެތް ކަމުގެ މައްސލައިގައި ސޮއި ކޮށްފައިވާ ފަރާތްކަކީ ސައްހަ ފަރާތްތަކެއްކަމަށް ކަށަވަރުވުމުން ވޯޓައިގެން ކުރިއަށް ދިއުމަށް ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް އަރަގޯނޭޒްއަށް ބާސާއިން ފޮނުވާ ސިޓީގައި ބުނެފައި ވަނީ މައްސަލައަކީ ގިނަ ކަންތަތަކާ ގުޅުން ހުރި ކަމެއް ކަމަށާއި މައްސަލައަށް ޖަވާބު ދާރީވާން އިތުރު 15 ދުވަސް ބޭނުންވާ ކަމަށެވެ.

ވޯޓްގެ ކަންކަން ކުރިއަށް ގެންދިއމަށް ހަމަޖެހިފައި ވަނީ ބާސާގެ ކެމްޕްނޯ ސްޓޭޑީއަމްގަ އެވެ. ނަމަވެސް ސިއްހީ އިދާރާއިން ވަނީ ކޮރޯނާ ވައިރަސްގެ ހަލާތު ކަމަށް ވުމުން އެތަނަކީ މީހުން އެއްވެ ބައްދަލުވުން ބާއްވަން އެންމެ އެކަށޭނެ ތަނެއް ނޫން ކަމަށް ބުނެފަ އެވެ. އެކަން ފާހަގަ ކޮށް ބާސާއިން ވަނީ، ވޯޓް ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތް ކަމަށް ބުނެ ވޯޓް ސަސްޕެންޑް ކުރުމަށް އެދިފަ އެވެ. އެކަމާ ބެހޭގޮތުން ގޮތް ނިންމާނީ ކަޓަލާން ސަރުކާރުންނެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިމަތީގައި ވަނިކޮށް ބާޓޮމެއު ވިދާޅުވީ ބާސާގެ ރައީސް ކަމުން އިސްތިއުފާ ދިނުމަކީ އޭނާ ދުވަހަކުވެސް ވިސްނި ކަމެއް ނޫން ކަމަށެވެ.

"މި ޕްރޮޖެކްޓަކީ ވަރަށް ޝައުގުވެރި ޕްރޮޖެކްޓެއް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނާއެކު އަދި ތަޖުރިބާކަރު ކުޅުންތެރިން ކަމަށް ވާ މެސީ އާއެކު،" ބާޓޮމެއު ބުންޏެވެ. "ހުރިހާ އެންމެގެ ހިޔާލުތައްވެސް އަހަރެންނަށް އޮޅުފިލާ."