ކޮނޑަށް ލިބުނު އަނިޔާއާ ގުޅިގެން މިދިޔަ ސީޒަންގެ ބޮޑުބައެއްގައި ނުކުޅެ ހުންނަން ޖެހުނު ގްރީން ސްޓްރީޓްގެ ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް ކޮނޑުހުޅުގެ އޮޕަރޭޝަނަށް ފަހު ގްރީންގެ ޕްރެކްޓިހަށް ނުކުންނަށް ފަށައިފި އެވެ.
ލަންބާންގެ ކޮނޑުހުޅުގެ އޮޕަރޭޝަން ކުރީ ފެބްރުއަރީ މަހު އެވެ. އޮޕަރޭޝަނަށް ފަހު ބޭރުފުށުން އަނިޔާ ރަނގަޅުވިނަމަވެސް އޭނާ އަށް އަލުން ކުޅެން ނުކުންނަން ގިނަ ދުވަސްތަކެއް އަދިވެސް ހޭދަ ވާނެ އެވެ. އެހެންވެ ގްރީންއިން ވަނީ ކުރިން ދިވެހި ޕްރިމއާ ލީގްގައި، ބީޖީ ސްޕޯޓްސް ކުލަބު، އއ. މާޅޮސް އަދި ށ. ފޯކައިދޫ ޓީމަށް ކުޅެފައިވާ ޕާކިސްތާންގެ ގައުމީ ޓީމު ކީޕަރު ސާގިބް ހަނީފް ސޮއި ކުރުވާފަ އެވެ.
ލަބާން ބުނީ، ޓީމުގެ ޕްރެކްޓިހަށް ނުކުންނަން ފެށީ، އަނިޔާއިން އެއްކޮށް ރިކަވާވުމަށް ފުރިހަމަ ކުރަން ޖެހޭ ރިހިބިލިޓޭޝަނެއްގެ ގޮތުގައި ކަމަށެވެ.
"މިހާރު އަނެއްހެން ކޮނޑު ރަނގަޅު،" ލަބާން ވާހަކަ ދެއްކި އެވެ. "ދެން ޕްރެކްޓިސްތައް ކުރިއަށްދާ ވަރަކުން އެނގޭނީ ކޮނޑު ކިހާ ވަރަކަށް ރިކަވާވެފަ ހުރިކަން. އުންމީދު ކުރަނީ ޕްރެކްޓިސްތައް މެދުކަނޑާ ނުލައި ކުރިއަށް ގެންދެވޭނެ ކަމަށް."
މީގެ ފަސް އަހަރު ކުރިން މެއި އެކެއް 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒަހާރަގައި ފުލުހަކަށް ހަމަލާ ދިނުމުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އޭނާ ހައްޔަރު ކޮށްގެން ގެންދިޔައީ މާފަންނު ޓާފް ދަނޑުގައި އީގަލްސްގެ ޕްރެކްޓިހުގައި ހުއްޓަ އެވެ. ހަމަލާ އަމާޒުވި ފުލުސް އޮފިސާ މާފު ދިނުމުން ޕެރޯލުގެ ދަށުން އޭނާ ޖަލުން މިނިވަން ކުރީ މެއި 2018 ގަ އެވެ.
ތިން އަހަރު ޖަލުގައި ހޭދަ ކުރުމަށް ފަހު މިނިވަންވެގެން އެނބުރި އައިސް ޖޫންގެ ޓްރާންސްފާގައި ގްރީންއަށް އޭނާ ސޮއި ކުރި އެވެ. ގްރީން އާއެކު އޭނާ ފުރަތަމަ މެޗެއް ކުޅުނީ ޖުލައި 16 ވަނަ ދުވަހު ފ، ނިލަންދުއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް އޭނާ ދެއްކި އެވެ.
ލަބާން ބުނުފައި ވަނީ ތިން އަހަރު ފުޓްބޯޅައާ ދުރުގައި ހުރމަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް އައިސް ރަނގަޅު ކުޅުމެއް ދެއްކުނީ ގްރީން ސްޓްރީޓްގެ އޭރުގެ ކޯޗް އަލީ ސުޒޭން އާއި ގޯލްކީޕަރު ކޯޗް މެޓާ ސަލީމްގެ ބޮޑު ހިތްވަރުން ކަމަށެވެ. މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ޓީމުގައި ހިމެނި ލަބާން ވަނީ ގައުމީ ޓީމަށް އެއް މެޗު ކުޅެފަ އެވެ.
ޔޫތު ސްޕޯޓްސް މިނިސްޓްރީގެ އެގްޒެކެޓވް ކޯޑިނޭޓަރުގެ މަގާމު އަދާ ކުރަމުން އަންނަ ލަބާން ބުނީ އަލުން ކުޅުމުގެ ތެރެއަށް އައިސް އަނެއްކާވެސް ގައުމީ ޓީމުން ޖާގަ ހޯދުން އެއީ ބޮޑު ޓާގެޓެއް ކަމަށެވެ.