ހަބަރު

ޒިޔާދުގެ ޝަރީއަތް ކެންސަލް ވެއްޖެ

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ މައްސަލައިގެ މިއަދަށް ތާވަލް ކުރި ޝަރީއަތް ކެންސަލް ކޮށްފި އެވެ.

ޒިޔާދު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހުށަހެޅި ޕްރޮޕޯސަލާ ހިލާފަށް އެއްބަސްވުން ގާއިމުކޮށް، ދައުލަތަށް ގެއްލުންވާ ގޮތަށް އެ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ބުނެ ގާނޫނުލް އުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާކޮށް ވަނީ އުފުލާފައެވެ.

މި މައްސަލައިގެ ޝަރީއަތް ފެށުމަށް ތާވަލްކޮށްފައިވަނީ މިއަދު މެންދުރުފަހު ތިނަކަށެވެ. ނަމަވެސް މި އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. ކެންސަލް ކުރި ސަބަބު ކުރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

ޒިޔާދުގެ އިތުރުން، ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ޕްރޮޕޯސަލްތައް ހޯދިއިރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

އެ ކުށް ސާބިތުވެއްޖެނަމަ، ޑރ. ޒިޔާދަށް އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.