ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ފަސް ތަރީގެ ރިސޯޓު ކޮޓަރި ނުއަގުގައި: މައްސަލައެއް!

Oct 28, 2020
5

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު މަޑުމަޑުން ޓޫރިޒަމް ރަނގަޅުވާން ފަށައިފި އެވެ. ދުވަހުން ދުވަހަށް މަހުން މަހަށް އަންނަ މީހުންގެ އަދަދު އިތުރުވާން ފަށައިިފި އެވެ. ނަމަވެސް މިހާރު ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލައަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އަގުތައް އިންތިހާ އަށް ވައްޓާލާފައިވުމެވެ. ރަން ބިސް އަޅާ ކުކުޅުގެ ގޮތުގައި ދެކޭ ރާއްޖޭގެ ޓޫރިޒަމްގެ ބައެއް ޕްރޮޕަޓީތައް ހުރީ އިންތިހާއަށް އަގު ވައްޓާލާފަ އެވެ. ބައެއް ތަންތަން ދަނީ ނުއަގުގައި ވިއްކަމުންނެވެ. ގިނަ ރިސޯޓުތަކުން މިހާރު ހުރީ 30 ޕަސެންޓުން ފެށިގެން 80 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް އަޅުވާފަ އެވެ. ރާއްޖޭގެ ފަސް ތަރީގެ ކޮޓަރިތައް ނުއަގުގައި ދޫކޮށްލުމަކީ މައްސަލައެއް ހެއްޔެވެ؟ މީގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަ ތަކަކީ ކޮބައި ހެއްޔެވެ؟

"ރާއްޖޭގެ ރިސޯޓުތަކަކީ ވެލިއު ތަކެއް ހުންނަ ތަންތަން. އެހެންވެ އަގުތައް އިންތިހާ އަށް ވައްޓާލުމަކީ ފަހުން ބޮޑެތި ދަތިތަކެއް އެ މީހުންގެ ވިޔަފާރި އަށް ވެސް ކުރިތިމަތިވެދާނެ ކަމެއް. އަނެއްކާ ޑެސްޓިނޭޝަން މާކެޓިންގައި ވެސް މީގެ ސަބަބުން ދަތިތަކާ ކުރިމަތިވާނެ،" ދިވެހި ޓްރެވަލް ކުންފުންޏެއް ކަމަށްވާ ލެޓްސްގޯ ކުންފުނީގެ ވެރިޔާ މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.

މަޝްހޫރު ރިސޯޓެއް 59 ޑޮލަރަށް!

ރިސޯޓުތަކުގެ އަގުތައް މިހާރު ހުރި ގޮތަށް ބަލާއިރު ރާއްޖޭގެ މަޝްހޫރު ފަސް ތަރީގެ ރިސޯޓަކަކުން ކޮޓަރި 60 ޑޮލަރަށް ވުރެ ކުޑަ އަގެއްގައި އެބަ ވިއްކަ އެވެ. މާލެ އަތޮޅުގައި ހިންގާ މާލެ ކައިރީގެ މި ރިސޯޓުގެ ކޮޓަރިތައް ދުނިޔޭގެ އެންމެ ބޮޑު ބުކިން ޕްލެޓްފޯމުގައި މި އަގުގައި ވިއްކަން ޖަހާފައި ހުރިއިރު އެ ރިސޯޓުގެ އޮކިއުޕެންސީ މިހާރު ހުރީ އެހެން ރިސޯޓުތަކަށް ވުރެ ނިސްބަތުން މަތީގަ އެވެ. އެކަމަކު މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

ރާއްޖޭގެ ފަސް ތަރީގެ ރިސޯޓުތައް ދުނިޔޭގައި މަޝްހޫރުވެފައިވަނީ އަގު ހުރި ތަންތަނުގެ ގޮތުގައި އެވެ. ވަކި ހާއްސަ ބެންޗް މާކް ތަކެއް ހުރި ތަންތަނުގެ ގޮތުގަ އެވެ. "މޯލްޑިވްސް ފައިވް ސްޓާ ރިސޯޓްސް" އޭ ބުނީމަ ދުނިޔޭގެ ކޮންމެ މީހެއްގެ ބޮލަށް ވެސް ހައިބަތެއް ވަންނާނެ އެވެ. މިއީ ކޮންމެ ކޮންމެ މީހަކަށް ނާދެވޭނެ އަދި "ގާތް ނުވެވޭނެ" ތަންތަންކަން އެނގޭނެ އެވެ. އެކަމަކު ހާމަކަން ބޮޑު ގޮތެއްގައި ދުނިޔޭގެ އެންމެ ބޮޑު ބުކިން ޕްލެޓްފޯމުގައި ނުއަގުގައި ކޮޓަރި ވިއްކުމަކީ ރާއްޖޭގެ ބްރޭންޑިންއަށް އަސަރު ކުރާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވެސް ވަނީ ރިސޯޓުގެ އަގުތައް އިންތިހާ އަށް ވައްޓާލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެފަ އެވެ. މީގެ ބަދަލުގައި އެ މީހުންނަށް އެހެން ބެނެފިޓްތައް ދީގެން ރާއްޖޭގައި ގިނަ ދުވަހު މަޑު ކުރެވޭނެ ގޮތެއް ހެދުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

ޓޫރިޒަމް ސިނާއަތުގެ ތަޖުރިބާކާރުންގެ ނަޒަރުގައި މިހާލަތުގައި ވެސް އަގުތައް އިންތިހާއަށް ވައްޓާލައިފިނަމަ ޓޫރިޒަމް ރަނގަޅު ވަމުންދާއިރު، މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.

"މިހާރު 70 ޑޮލަރަށް ވިއްކާ ކޮޓަރި މީގެ ދެ މަސް ފަހުން 200 ޑޮލަރަށް ޖެހީމަ ނުވިކުމުގެ ފުރުސަތު އޮންނާނެ. އެހެންވީމަ އެވަރަށް އަގު ވައްޓާލުން މިއީ ފަހުން ދެރަވާނެ ކަމެއް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ގެސްޓްހައުސް ވިއްކާ އަގުގައި ރިސޯޓުތަކުގެ ކޮޓަރި ވިއްކުމަކީ މައްސަލައެއް ކަމަށެވެ.

"މިއީ މުޅިން ތަފާތު ދެ ޕްރޮޑަކްޓެއް. ދެ ޕްރޮޑަކްޓުގެ ބްރޭންޑު ވެލިއުއާއި ހުރިހާ ކަމެއް ތަފާތު. އެހެންވީމަ އަގު ދަށް ކުރާއިރު ވިސްންނަން ޖެހޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ޑެސްޓިނޭޝަން މާކެޓިން އަށް ދަތިވެދާނެ!

ރާއްޖޭގެ ފަސް ތަރީގެ ރިސޯޓު ތަކަކީ ތަފާތު ސިފަތަކެއް ހުރި ތަންތަނެވެ. ދުނިޔޭގައި މިފަދަ ސިފަތައް ހުރި ދެވަނަ ތަނެއް ނެތެވެ. ރާއްޖެއަކީ ދުނިޔޭގެ ފުރަތަމަ މޫދު އަޑީގެ ރެސްޓޯރެންޓު އެޅި ގައުމެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ މޫދު އަޑީގެ ކޮޓަރި ހެދި ގައުމެވެ. އަދި ރާއްޖޭގެ ރިސޯޓު ތަކަކީ ދުނިޔޭގެ އެންމެ ބޮޑު މޫދު ވިލާ ހުރި ގައުމެވެ. އަދި ހަމަ ރާއްޖެއަކީއެއް ގައުމެއްގައި އެންމެ ގިނައިން މޫދު ކޮޓަރި ހުރި ގައުމެވެ.

"ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓުގައި ޕްރޮމޯޓް ކުރަމުންދާ ރާއްޖޭގެ ޓޫރިޒަމްގެ މާކެޓް ވެލިއު ހިފެހެއްޓުމަކީ ބްރޭންޑިންގެ އަގު ވެއްޓުނަ ނުދީ ހިފެއްޓޭނެ ގޮތެވެ.

ޓޫރިޒަމް މާކެޓިންގެ ދާއިރާ އިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި އަދި މިހާރު ރިސޯޓެއްގެ އިސް މަގާމެއް ފުރުއްވާ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި ރިސޯޓުތަކަށް ޑިސްކައުންޓް ދިން ނަމަވެސް ގައުމުގެ ބްރޭންޑުގެ ވެލިއު ހިފައްޓަން ޖެހޭ ކަމަށެވެ.

"ޑިސްކައުންޓް ދިނުމާއި ނުދިނުން އެއީ އެބައެއްގެ ކަމެއް. އެމަކަކު ކޮންމެ ވެސް ހަމައެއް އޮންނަންވާނެ. މޫދު ކޮޓަރި އާއި ބޮޑެތި ރެސްޓޯރެންޓު ލާފަ ހުންނަ ތަންތަނުގެ ކޮޓަރީގެ އަގު ގެސްޓްހައުސް އަކަށް ވުރެ ދަށްވީމަ އެއި މައްސަލައެއް. މި އަގުގައި ވިއްކީމަ ދެން ކޮންއެޗެއް ތޯ ޑެސްޓިނޭޝަން މާކެޓިން އަށް ވިއްކާނީ؟ ރާއްޖޭގެ ފައިވް ސްޓާ ރިސޯޓުތަކޭ މި ބުނަނީ. ބުނެފަ ބަލާއިރު 70 ޑޮލަރަށް ކޮޓަރި މި ވިއްކަނީ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން އަލުން ބޯޑަރު ހުޅުވި ޓޫރިޒަމް ފެށިގެންދާއިރު މުޅި ޓޫރިޒަމް ސިނާއަތުގައި އަދި ވެސް އޮތީ "ޕެނިކް މޯޑް" ގަ އެވެ. އެކަމަކު މި ހާލަތުގައި ވެސް ކަންކަން ކުރަން ވާނީ ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކުގަ އެވެ. އަދި މިގޮތަށް އަގު ވައްޓާލުމުން ކުރިމަތިވާނެ އަނެއް މައްސަލައަކީ އާމްދަނީ އަށް އަސަރު ކުރުމެވެ.

ބޮޑު ތަނުން ޑިސްކައުންޓް އަޅުވައިގެން ކުރިއަށް ގެންދާނަމަ ކޮޓަރި ވިއްކައިގެން ދައުލަތަށް ލިބޭ އާމްދަނީ ވެސް އިންތިހާ އަށް ދަށް ވެގެންދާނެ އެވެ. މިއީ ވެސް މީގެ ސަބަބުން ނުކުމެދާނެ ބޮޑު މައްސަލަ އެކެވެ. މީގެން ހަމައެކަނި މައްސަލަ ނުކުންނާނީ އެ ރިސޯޓެއްގެ ބްރޭންޑިން އާއި ގައުމުގެ ބްރޭންޑިން އަކަށް ނޫނެވެ. މާލީ ގޮތުން ބަލައި ފައިސާ ފޮތިން ގުނާނަމަ ވެސް މީގެ ގެއްލުން އިންތިހާއަށް ބޮޑެވެ. ރާއްޖޭގެ ރިސޯޓުތަކުގެ އެނދުގެ 55 ޕަސެންޓް އޮޕަރޭޝަންގައި ހުރިއިރު މިގޮތަށް "އުނގު ވިޔަފާރީގެ އަގުގައި" ޓޫރިޒަމް އެނދުތައް ވިއްކުން އާއްމު ވެއްޖެނަމަ ރިސޯޓުތައް ހުޅުވިގެން ދިޔަނަމަވެސް މީގެ އެންމެ ރަނގަޅު މަންފާ ގައުމަކަށް ނުކުރާނެ އެވެ.