ބާސެލޯނާ

ބާސެލޯނާގެ ރައީސް ބާޓޮމެއު އިސްތިއުފާ ދީފި

ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު، އާއި އޭނާގެ ބޯޑު ޑައިރެކްޓަރުން، ކުލަބުގެ މަގާމުތަކުން އިސްތިއުފާ ދީފި އެވެ.

ބާޓޮމެއު އާއި އޭނާގެ ޑައިރެކްޓަރުންގެ ބޯޑް އިސްތިއުފާ ދިނީ، ކުލަބުގެ މެންބަރުންގެ ތެރެއިން 17،000 މެންބަރުން ސޮއިކޮށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ވޯޓް ނެގުމަށް ކަޓަލާންގެ ސަރަހައްދީ ސަރުކާރުން ހުއްދަ ދީފައި ވަނިކޮށެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓް ނެގުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ނޮވެމްބަރު ދޭއް ނުވަތަ ތިނެއްގަ އެވެ. މިދިޔަ ހޯމަ ދުވަހު ބާޓޮމެއު ވިދާޅުވެފައި ވަނީ ކުލަބުގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދިނުމަކީ އޭނާ ދުވަހަކު ވެސް ވިސްނި ކަމެއް ނޫން ކަމަށެވެ. ބާޓޮމެއު އެހެން ވިދާޅުވިއރު، ވޯޓްގެ ނެގުމަށް ކަޓަލާންގެ ސަރުކާރުން ހުއްދަ ދީފައެއް ނުވެ އެވެ. އެ މުއްދަތުގައި ބާސާއިން ވެސް ވަނީ އިތުބާރު ނެތް ކަމުގެ ވޯޓް ސަސްޕެންޑް ކުރުމަށް އެދި ކަޓަލާން ސަރުކާރަށް ހުށަހަޅާފަ އެވެ.

ބާޓޮމެއުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ސޮއި ހޯދަން ފެށުނީ މިދިޔަ އޯގަސްޓް މަހު އެވެ. އެ މަސައްކަތަށް އިތު ފޯރިއެއް ބާސާގެ މެންބަރުގެ މެދުގައި އުފެދިގެން އެއީ ކުލަބުގެ ކެޕްޓަން ލިއޮނަލް މެސީ، ކުލަބު ދޫކޮށްލަން ބޭނުންވާކަން ހާމަ ކުރުމުންނެވެ. މެސީ ޓީމު ދޫކޮށްލަން ބޭނުންވި އެއް ސަބަބަކީ ކުލަބުގެ ބޯޑާ މެދު ހިތްހަމަ ނުޖެހުމެވެ.

ކަޓަލާން ސަރުކާރުން އިއްޔެ ނިންމާފައި ވަނީ، ކޮރޯނާ ވައިރަސްގެ ހާލަތު ކަމަށްވިޔަސް ވޯޓައިގެން ކުރިއަށް ނުދެވޭނެ ހާލަތެއް ނެތް ކަމަށް ނިންމާފަ އެވެ. އަދި ވޯޓްގެ ކަންކަން ކުރިއަށް ގެންދާއިރު ކޮވިޑްގެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ކަލޓާލާން ސަރުކާރުން ވަނީ އަންގާފަ އެވެ. މިހާރު އިސްތިއުފާ ދިނުމުން ވޯޓްގެ ކަންކަން ކުރިއަށް ނުދާނެ އެވެ.

ބާސޯލާނާ އަށް އިންގްލާބީ ބަދަލުތަކެއް ގެންނެވި، ކުރީގެ ރައީސް ހުއާން ލަޕޯޓާގެ ފައިނޭންޝިއަލް ޑައިރެކްޓަރުގެ މަގާމު އަދާ ކުރެއްވި ބާޓޮމެއު، ބާސާލޯނާގެ ރައީސް ކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ ޖަނަވަރީ 2014 ގަ އެވެ. އޭއީ އޭރު ކުލަބުގެ ރައީސް ކަމުގެ މަގާމުގައި ހުރި ސެންޑްރޯ ރޮޒެލް އިސްތިއުފާ ދިނުމުންނެވެ.

ޖަނަވަރީ 2014 އިން ޖުލައި 2015 އާ ހަމައަށް ބާޓޮމެއު ހުންނެވީ ކުލަބުގެ ވަގުތީ ރައީސްކަމުގަ އެވެ، ޖުލައި 2015 ގައި ބޭއްވި އިންތިހާބުގައި އޭނާ ރައީސް ކަމަށް ވަޑައިގެންނެވި އެވެ.