މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް އަށް ވަރަށް ބޮޑު ހޮލީވުޑް ޕްރޮޖެކްޓެއް ކުޅެން ލިބިއްޖެ އެވެ. ބުދަ ދުވަހު އޭނާ ވަނީ ރަސްމީކޮށް މި ފިލްމު ކުޅޭކަން ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ. މި ފިލްމުގައި ޕްރިޔަންކާ އާއެކު ބައިވެރިވަނީ "ޓައިޓޭނިކް" ގެ "މައި ހާޓް ވިލް ގޯ އޮން" ލަވަ ކިޔައިދިން ލަވަކިޔުންތެރިޔާ ސެލިން ޑިއޮން އެވެ.
"ޓެކްސްޓް ފޯ ޔޫ" ގެ ނަން ދީފައިވާ މި ފިލްމުގައި ސޭމް ހިއުއަން ވެސް މުހިއްމު ރޯލެއް އަދާ ކުރާނެ އެވެ.
ފިލްމު އިއުލާން ކުރަމުން ޕްރިޔަންކާ ބުނެފައި ވަނީ ސެލިން އާއި ސޭމް ފަދަ ކުޅަދާނަ އެކްޓަރުން ތަކަކާއެކު މި ފިލްމު ކުޅެވޭތީ ވަރަށް އުފާވެފައި ހުރި ކަމަށެވެ. އަދި މި ތަރިންނާއެކު މަސައްކަތް ކުރުމަކީ ލިބޭ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ހޮލިވުޑް ރިޕޯޓްތައް ބުނާ ގޮތުގައި "ޓެކްސްޓް ފޯ ޔޫ" އަކީ 2016 ގައި ރިލިޒްކުރި ޖަރުމަން ފިލްމެއް ކަމަށްވާ "އެސްއެމްއެސް ފާ ޑީޗް" ގެ ރިމޭކް އެކެވެ. މި ފިލްމު ބިނާ ކޮށްފައި އޮތީ ލިޔުންތެރިޔާ ސޯފީ ކްރޭމާގެ ވާހަކައަކަށެވެ.
ޕްރިޔަންކާ މި ފިލްމުގައި ކުޅޭނީ ހުވަފަތް އަންހެނެއްގެ ބައެވެ. ފިރިމީހާ މަރުވެފައި ވިޔަސް އޭނާ ދެކެ ވާ ލޯބިން އަދި އޭނާ މަރުވުމުން ހިތް ހަލާކުވެފައި ހުރެ މަރުވި ލޯބިވެރިޔާގެ ފޯނަށް ވަރަށް ގިނަ ލޯބީގެ ޓެކްސްޓްތައް އޭނާ ކުރެ އެވެ. އެ ނަމްބަރުގެ ވެރި ފަރާތަކީ މިހާރު އެހެން މީހެއްކަން ނޭނގި ހުރެ އެވެ.
ފިލްމުގައި އެ ފޯނު ނަންބަރު ފަހުން ގެންގުޅެނީ ސޭމް ހިއުއަންގެ ކެރެކްޓާ އެވެ. ސޭމްގެ ކެރެކްޓާ އަކީ ވެސް ކޮންމެވެސް ސަބަބަކާ ހުރެ ހިތް ހަލާކުވެފައި ހުންނަ މީހެކެވެ. ޕްރިޔަންކާ އާއި ސޭމް ބައްދަލުވެ ދެ މީހުންގެ މެދުގައި ލޯބި އުފެދެން މެދުވެރިވަނީ ސެލީންގެ މިއުޒިކްގެ ސަބަބުންނެވެ.
މި ފިލްމު ޑައިރެކްޓްކުރާނީ ޖިމް ސްޓްރައުސް އެވެ. މި ފިލްމު ނޫނަސް ޕްރިޔަންކާގެ އަތުގައި އިތުރު ބައެއް ޕްރޮޖެކްޓްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި "ދަ ވައިޓް ޓައިގާ"، "މެޓްރިކްސް 4"، "ވީ ކޭން ބީ ހީރޯޒް" އަދި "ސިޓެޑަލް" ހިމެނެ އެވެ.