ބޮލީވުޑް

"ކޫލީ ނަންބަރު 1"ގެ ޕްރޮމޯޝަން ފަށައިފި

ވަރުން ދަވަން އާއި ސާރާ އަލީ ޚާން ކުޅެފައިވާ އަދި މިހާރު ރިލީޒްވާން ތައްޔާޜުވެފައިވާ "ކޫލީ ނަންބަރު"ގެ ޕްރޮމޯޝަން މަސައްކަތް މި ދެ ތަރިން ފަށައިފި އެވެ. ސާރާ ވަނީ ވަރުން އާއެކު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ. އަދި ފިލްމުގެ ޕްރޮމޯޝަން ފަށާފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ފިލްމު ޕްރޮމޯޓްކުރުމަށް އެންމެ ފުރަތަމަ ވެސް ސާރާ އާއި ވަރުން ބައިވެރިވެފައިވަނީ ސޮނީ ޓިވީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގައެވެ.

"ކޫލީ ނަންބަރު 1" އަކީ ވަރަށް މަޖާ ކޮމެޑީ ފިލްމެކެވެ. ޕޫޖާ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ވަރުންގެ ބައްޕަ އަދި މަޝްހޫރު ފިލްމު ޑައިރެކްޓަރު ޑޭވިޑް ދަވަން އެވެ.

"ކޫލީ ނަންބަރު 1" އަކީ 1990 ގެ އަހަރުތަކުގައި ރިލީޒްކުރި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރު ހަމަ މި ނަމުގައި ކުޅުނު ކޮމެޑީ ފިލްމެއްގެ ރިމޭކެކެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ "ކޫލީ ނަންބަރު 1"ގެ ޕްރޮމޯޝަންގައި ސާރާ ބައިވެރިނުވާނެ ކަމަށެވެ. އެއީ އެންސީބީއަށް ހާޒިރުކުރުމާ ގުޅިގެން އިންޑިޔާގެ ނޫސްތަކުން ސާރާ އާ ބެހޭ ގޮތުން ދެއްކި ތަފާތު ހުތުރު ވާހަކަތަކުގެ ސަބަބުން އެ ވާހަކަތައް އިތުރަށް ދައްކަން ފަށާފާނެތީ ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް ސާރާ ޕްރޮމޯޝަންގައި ބައިވެރިވާން ފެށުމުން މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަން ވަނީ ކަށަވަރު ވެފަ އެވެ.

މިހާރު ނިމި ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ގިނަ ފިލްމުތައް ސްކްރީންތަކުން ޖާގަ ލިބެންދެން ނާޅުވާ މަޑުކުރި ނަމަވެސް "ކޫލީ ނަންބަރު 1" ރިލީޒްކުރަން ނިންމާފައިވަނީ އޯޓީޓީ ޕްލެޓްފޯމްގަ އެވެ. އެގޮތުން ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ އެމެޒޮން ޕްރައިމް އިން އަންނަ ޑިސެމްބަރު 25 ވަނަ ދުވަހު މި ފިލްމު ދައްކަން ފަށަން ވަނީ ހަމަޖެހިފަ އެވެ.