އަކެޝޭ ކްމާރު

ސާރާއާއެކު "އަތުރަންގީ ރޭ" ފެށުނީތީ އަކްޝޭ އުފަލުން

ސާރާ އަލީ ޚާން އާއެކު އަކްޝޭ ކުމާރު ކުޅޭ ފުރަތަމަ ފިލްމުގެ ޝޫޓިން މިހާރު ވަނީ ފަށާފަ އެވެ. އާނަންދު އެލް ރާއީ ޑައިރެކްޓް ކުރާ މި ފިލްމުގައި ސައުތު އިންޑިޔާ ތަރި ދަނޫޝް ވެސް މުހިއްމު ރޯލެއް ކުޅޭނެ އެވެ.

މިދިޔަ ހުކުރު ދުވަހު ފިލްމުގެ ޝޫޓިން ފެށުމާއެކު އަކްޝޭ ވަނީ ސާރާ އާއެކު ނަގާފައިވާ މަންޒަރެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. މި ފޮޓޯގައި ރީނދޫކުލައިގެ ދޯޕައްޓާ ހެދުމެއްގައި ސާރާ ހުރިއިރު އަކްޝޭ ހުރީ ކަޅުކުލައިގެ ކޯޓެއް ލައިގެންނެވެ.

އިންސްޓަގްރާމުގައި މި ފޮޓޯ ޝެއާ ކުރަމުން އަކްޝޭ ލިޔެފައިވާ ގޮތުގައި "ލައިޓްސް، ކެމެރާ، އެކްޝަން" މި ތިން ބަހަކީ ޖާދޫއެއް ފަދަ އުފަލެއް އިހްސާސް ކުރެވޭ ތިން ބަހެވެ. އަދި ސާރާ އާއެކު މި ފިލްމުގެ މަސައްކަތް ފެށުނީތީ އުފަލުން ހުރި ކަމަށް އަކްޝޭ ބުނެފައި ވެއެވެ.

މި ފޮޓޯގައި ސާރާ އޭނާގެ މަންމަ އަމްރިތާ ސިންގް އާ ވަރަށް ވައްތަރު ސިފައެއް ޖަހަ އެވެ.

ސާރާ ވެސް ވަނީ ހަމަ މިފޮޓޮއާއެކު އިންސްޓަގްރާމްގައި މެސެޖެއް ޝެއާ ކޮށްފަ އެވެ. އޭނާވެސް ބުނީ އަކްޝޭ އާއެކު މަސައްކަތް ކުރުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަތުރަންގީ ރޭ" އަށް މިއުޒިކް ތައްޔާރުކޮށްދެނީ އޭ.އާރް ރަހްމާން އެވެ.