ބޮލީވުޑް

އަތުރަންގީ ރޭ ދެ ލޯބިވެރިންގެ މެދުގައި ސާރާ ފިތިފައި

ޑައިރެކްޓަރު އާނަންދް އެލް ރާއީގެ "އަތުރަންގީ ރޭ"ގެ ޓްރެއިލާ ބުދަ ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ. އޯޓީޓީ ޕްލެޓްފޯމް ޑިޒްނީ ހޮޓްސްޓާ އިން ޑިސެމްބަރު 24ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ މިއުޒިކަލް ރޮމެންޓިކް ޑްރާމާ އެކެވެ.

މި ފިލްމުގައި ސާރާ އަލީ ޚާން ކުޅެނީ ރިންކޫ ނަމަކަށް ކިޔާ ޒުވާން އަންހެންކުއްޖެއްގެ ކެރެކްޓާ އެވެ. ފިލްމު ބިނާކޮށްފައިވަނީ އިންޑިޔާގެ ބިހާރް އާއި މަދުރާއީގައި ހިނގާ ހާދިސާ ތަކެއްގެ މައްޗަށެވެ.

އަކްޝޭ ކުމާރާއި ދަނޫޝް ބަތަލުގެ ބައި ކުޅޭ މި ފިލްމުގެ ޓްރެއިލާ ފެށޭއިރު ރިންކޫ ސޫރިޔަވަންޝީ (ސާރާ އަލީ ޚާން)ގެ އާއިލާއިން ވިޝްނޫ (ދަނޫޝް) ކިޑްނެޕްކޮށް ގަދަކަމުން އެދެ މީހުން ކައިވެނި ކުރުވާތަން ފެނެ އެވެ.

ކައިވެނި ކުރުވިޔަސް ދެ މީހުން އެކަކު އަނެކަކާ އެކު ދިރިއުޅުން ބޭނުން ނުވާ ކަން އެ ދެ މީހުންނަށް ވިސްނެ އެވެ. ސާރާ ބުނަނީ އޭނާ ލޯބިވަނީ ސަޖާދު (އަކްޝޭ ކުމާރު) ދެކެ ކަމަށެވެ. އަދި އޭނާއާ އެކު ގޭން ފިލަން 21 ފަހަރު މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ ކަމަށެވެ.

މި ލޯބީގެ ޑްރާމާ އިތުރަށް އޮޅުން ބޮޅުންގަނޑަކަށް ވަނީ ވިޝްނޫ ދެކެ ވެސް ރިންކޫ އަށް ލޯބި ވެވުނީމަ އެވެ. އަދި ދެ ލޯބިވެރިންގެ ތެރެއިން އޭނާ ބޭނުމީ ކާކުކަން ރިންކޫ އަށް ނިންމަން ދަތިވީމަ އެވެ.