ބޮލީވުޑް

އަތުރަންގީ ރޭ: އަކްޝޭ މޮޅު ޖާދޫގަރަކަށް

އަކްޝޭ ކުމާރުގެ "އަތުރަންގީ ރޭ"ގެ ޝޫޓިން ނިންމާލުމަށްފަހު އޭނާ ވަނީ ފިލްމުގައި އޭނާ ހުންނަ ސިފަ ސޯޝަލް މީޑިއާގައި ދައްކާލާފަ އެވެ. އަކްޝޭ ޝެއާ ކުރި ފޮޓޯގައި އޭނާ ފެންނަނީ ވަރަށް މޮޅު ޖާދޫގަރެއްގެ ސިފައިގަ އެވެ.

ކަޅު ކުލައިގެ ޑިޒައިނާ ސޫޓެއް ލައިގެން އޭނާ ހުރިއިރު ބޮލުގައި ޖާދޫގަރުން އަޅާ ކަހަލަ ބޮޑު ތޮތްޕެއް އޮތެވެ. "ކިންގް އޮފް ހާޓްސް" ކާޑެއް އަތްތިލައިގައި އޮތެވެ. ކެމެރާ އަށް ބަލަހައްޓައިގެން ހުރި އިރު ޖާދޫގަރުންގެ ތުންފަތްމަތީގައި ހުންނަ ކަހަލަ "ނުލަފާ" ހިނިތުން ވުމެއް ވެސް ހުއްޓެވެ.

ފިލްމު ނިމުނުކަން އިއުލާންކުރަމުން އަކްޝޭ ޝެއާ ކުރި މެސެޖުގައި ފިލްމުގައި އޭނާ އާއެކު ލީޑް ރޯލު ކުޅުނު ސާރާ އަލީ ޚާން އަށާއި ދަނޫޝް އަށް ޝުކުރު އަދާކޮށްފައި ވެއެވެ.

"އަތުރަންގީ"ގެ ޝޫޓިންގް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. މި ފިލްމުގެ ޝޫޓިންގަށް އިންޑިޔާގެ އާގްރާގައި ބޮޑު ސެޓެއް ތައްޔާރުކޮށްފައި ވެއެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ އާނަންދް އެލް. ރާއީ އެވެ. ޕްރޮޑިއުސަރަކީ ބޫޝަން ކުމާރެވެ. އިރުޝާދު ކާމިލްގެ ގަލަމުން ލިޔެފައިވާ ޅެންތަކަށް މިއުޒިކް ތައްޔާރުކޮށްދީފައިވަނީ އޭއާރް ރަހްމާން އެވެ.