ބޮލީވުޑް

"އަޓްރަންގީ ރޭ" ގައި އަކްޝޭ، ދަނުޝް އަދި ސާރާ

ޑައިރެކްޓަރު އާނަންދް އެލް ރާއީގެ އާ ފިލްމު "އަޓްރަންގީ ރޭ" ގެ ލީޑް ރޯލު ކުޅޭނީ އަކްޝޭ ކުމާރާއި ސައުތު ސުޕަސްޓާ ދަނުޝް އަދި ސާރާ އަލީ ޚާނެވެ. މި ތިން ތަރިން އެކުގައި ނަގާފައިވާ ފޮޓޯ ތަކާއެކު ޑައިރެކްޓަރު ވަނީ ބުރާސްފަތި ދުވަހު މި ފިލްމު ރަސްމީ ކޮށް އިއުލާން ކޮށްފަ އެވެ.

އަކްޝޭ ނެރެފައިވާ ބަޔާނެއްގައި ވަނީ އާނަންދްގެ ފިލްމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށް ބުނެފަ އެވެ. އާނަންދު އުފައްދާ ފިލްމުތަކުގެ ވާހަކަތަކާ ވަރަށް ގަޔާވާ ކަމަށާއި "އަޓްރަންގީ ރޭ"ގެ ވާހަކަ ވެސް ކިޔައިދޭން ފެށިތާ އެންމެ 10 މިނިޓް ތެރޭގައި އެ ފިލްމު ކުޅެން އާނއެކޭ ބުނި ކަމަށް އަކްޝޭ ބުނެފައި ވެ އެވެ.
އޭނާ ކުޅެނީ ވަރަށް ގޮންޖެހުން ބޮޑު ކެރެކްޓާއެއް ނަމަވެސް އެ ކެރެކްޓާ ވަރަށް ހާއްސަ ކަމަށާއި އެހެންވީމަ އެ ފިލްމަށް ނޫނެކޭ ބުނާނެ ޖާގައެއް ނެތް ކަމަށް އަކްޝޭގެ ބަޔާނުގައި ވެ އެވެ.

ޑައިރެކްޓަރު އާނަންދް ބުނި ގޮތުގައި ފިލްމަށް ބޭނުންވަނީ އަކްޝޭ ކަހަލަ ހަރުދަނާ އެކްޓަރެކެވެ. މި ފިލްމުގައި އަކްޝޭ އޭނާގެ އެކްޓިން ހުނަރު އެންމެ ފުރިހަމައަށް ދައްކާލާނެކަމަށް ޔަގީންކުރާ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ. އަދި ސާރާ އާއި ދަނުޝްގެ ބައިވެރިވުމާއެކު ފިލްމު ވަރަށް ފުރިހަމަވާނެ ކަމަށް ޑައިރެކްޓަރު އުންމީދު ކުރެ އެވެ.

"އަޓްރަންގީ ރޭ" ޕްރޮޑިއުސްކުރަނީ ޓީ-ސީރީޒްގެ ފަރާތުން ބޫޝަން ކުމާރާއި ކަލާޒް ޔެލޯ ޕްރޮޑަކްޝަން އަދި އަކްޝޭ ކުމާރުގެ ޕްރޮޑަކްޝަން ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް އިންނެވެ. މި އަހަރުގެ މާޗް އެކެއް ގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ ހިމަންޝޫ ޝަރުމާ އެވެ. މިއުޒިކް ތައްޔާރުކޮށްދެނީ އޭ.އާރް ރަހްމާނެވެ.