ބޮލީވުޑް

ވިކީ އަށް "އަތުރަންގީ ރޭ" ވަރަށް ރީތިވެއްޖެ

ޑައިރެކްޓަރު އާނަންދް އެލް ރާއީގެ "އަތުރަންގީ ރޭ" ރީތިކަމުން އެ ވާހަކަ ބޮލީވުޑްގެ ގިނަ ބަޔަކު ދަނީ ދައްކަމުންނެވެ.

އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ ޑިޒްނީ ޕްލަސް ހޮޓްސްޓާގައި މިދިޔަ ޑިސެމްބަރު 24 ވަނަ ދުވަހު ރިލީޒްކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ ސާރާ އަލީ ޚާނާއި އަކްޝޭ ކުމާރު އަދި ދަނޫޝް އެވެ.

މި ފިލްމު ރީތިކަމުން އެ ވާހަކަ ވަރަށް ގިނަ މީހުން ސޯޝަލް މީޑީއާގައި ދައްކަމުންދާއިރު ކުޅަދާނަ އެކްޓަރު ވިކީ ކޯޝަލް އަށް ވެސް ފިލްމުގެ މޮޅު ވާހަކަ ނުދައްކައެއް ނުހުރެވުނެވެ. ޚާއްސަކޮށް އެ ފިލްމުގައި ސާރާގެ އެކްޓިން ވަރަށް މޮޅުކަން ވިކީ ފާހާގަކޮށްފައި ވެއެވެ.

އިންސްޓަގްރާމް ސްޓޯރީގައި ވިކީ ވަނީ "އަތުރަންގީ ރޭ"ގެ ޕޯސްޓަރަކާއެކު މެސެޖެއް ޝެއާކޮށްފަ އެވެ. ވިކީ ބުނީ އެ ފިލްމުން ހިތްހަމަޖެހުން ލިބުނު ކަމަށެވެ. އަދި އެ ފިލްމުގެ ޑައިރެކްޓަރު އާނަންދް ދެން ތައްޔާރުކުރާ ފިލްމަކުން ފުރުސަތު ދިނުމަށް ވެސް މަޖަލަކަށް ކަމަށް ހަދާފައި ވިކީ އެދިފައި ވެއެވެ.

"ހާދަ ލޯބި ފިލްމެކޭ. ވަރަށް ހިތްހަމަޖެހިއްޖެ. ސާރާ އަލީ ޚާން. ވަރަށް އުނދަގޫ ރޯލެއް ވަރަށް ފުރިހަމައަށް އަދާކޮށްފައިވަނީ. ދަނޫޝް ހަމަ ހަގީގީ ޖީނިއަސް އެއް. އަކްޝޭ ކުމާރު! ތި ވަރެއް ނެތް. އާނަންދް އެލް ރާއީ. ދެން ތައްޔާރުކުރާ ފިލްމެއްގައި އަހަރެން ބައިވެރިން ކުރާތި،" ވިކީގެ މެސެޖުގައި ވެއެވެ.

ވިކީގެ މެސެޖަށް ސާރާ ވަގުތުން ޖަވާބު ދީފައި ވެއެވެ. އަދި ވިކީއާ އެކު އޭނާ ވެސް ދެން ފިލްމެއްގައި ބައިވެރިކުރަން ޑައިރެކްޓަރު ކިބައިން ސާރާ އެދިފައި ވެއެވެ.

ވިކީގެ މެސެޖަށް ޑައިރެކްޓަރު އާނަންދު ވެސް ޖަވާބު ދިނެވެ. އޭނާ ބުނީ ވިކީ ފިލްމެއްގައި ބައިވެރިކުރަން ނުޖެހޭނެ ކަމަށާއި އޭނާ ބައިވެރިވާނަމަ އެއީ ވާހަކައަކަށް ވާނެ ކަމަށެވެ.

"އަތުރަންގީ ރޭ" ގައި ކިޔައިދެނީ ރިންކޫ ނަމަކަށް ކިޔާ އަންހެން ކުއްޖެއްގެ ވާހަކަ އެވެ. ރިންކޫ ލޯބި ވަނީ އެހެން މީހަކު ދެކެ އެވެ. އަދި ގަދަކަމުން އޭނާގެ ކައިވެނި ކުރުވަނީ އެހެން މީހަކާ އެވެ. ދަނޫޝް ކުޅެފައިވަނީ ރިންކޫގެ ފިރިމީހާގެ ރޯލެވެ. އަދި ރިންކޫ ލޯބިވަނީ އެހެން މީހަކާ ކަން އެނގުމުން އޭނާ އާއި ލޯބިވެރިޔާ ގުޅުވައިދޭނެކަމަށް ދަނޫޝް ވައުދު ވެއެވެ. ނަމަވެސް ވަކި ހިސާބަކުން ރިންކޫގެ ބޮޑު ސިއްރެއް ދަނޫޝް އަށް އެނގެ އެވެ. އެއީ ޚުދް ރިންކޫ އަށް ވެސް އެނގިފައި ނެތް ސިއްރެކެވެ.