ބަތަލާ ސާރާ އަލީ ހާން ގަބޫލު ކުރާ ގޮތުގައި ފިލްމީ ބަތަލާއިންގެ ތެރެއިން އެންމެ ފުރަތަމަ ތަރިއަކީ އޭނާގެ މާމަ ޝަރުމީލާ ޓޭގޯ އެވެ. އޭނާއަކީ އެފަދަ ކުޅަދާނަ ޝަހްސިއްޔަތެއްގެ މާމަދަރިއެއް ކަން ގަބޫލު ކުރަން ވަރަށް ގިނަ ފަހަރު އޭނާއަށް އުނދަގޫވާ ކަމަށް ވެސް ސާރާ ބުންޏެވެ.
ސާރާ ވަރަށް ފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނީ ޝަރުމީލާގެ މާމަ ދަރިއަކަށް ވުމީ އޭނާގެ ނަސީބު ގަދަކަން ކަމަށް ގަބޫލުކުރެ އެވެ.
"މާމައަކީ އަޖައިބެއް ކަހަލަ ލޯބި މީހެއް. އަދި ވަރަށް ޝާހީ ފަރި ކަމެއް މާމައަށް ލިބިފައިވޭ. އަދި މާމަދަރިން ދެކެ މާމަ ވަރަށް ލޯބިވާނެ،" ސާރާ ބުންޏެވެ.
ޓައިމްސް އޮފް އިންޑިއާއަށް ދީފައިވާ އިންޓަވިއުގައި ސާރާ ބުނީ މާމަގެ "އާރާދަނާ" ބަލާފައި އޭނާއަށް ބުނާނެ އެއްޗެއް ވެސް ނޭނގުނު ކަމަށެވެ. އަދި "މެރެ ސަޕްނޯންކި ރާނީ" ލަވަ ބަލާފައި އެއީ މާމައޭ ހިތަށް އަރުވާލާފައި އުފާވި ކަމަށެވެ.
މާމަ ނޫނަސް ސާރާގެ އާއިލާގައި ފިލްމީ ތަރިން ވަރަށް ގިނަ އެވެ. އޭނާގެ މަންމަ އަމްރިތާ ސިންގް އަކީ ކުރީގެ ގިނަ ފިލްމުތަކެއްގައި ބަތަލާގެ ބައި ކުޅެފައިވާ އެކްޓަރެކެވެ. ބައްޕަ ސައިފް އަލީ ހާނަކީ މިހާރު ވެސް ފިލްމު ކުޅޭ އެކްޓަރެކެވެ. ދޮންމަންމަ އަކީ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރެވެ. އަދި ބޮޑުދައިތަ ސޯހާ އަލީ ހާން އަކީ ވެސް ބަތަލާ އެކެވެ. އަދި ކޮއްކޮ އިބްރާހިމް ވެސް މިހާރު ބޮލީވުޑަށް ތައާރަފްވުމުގެ ތައްޔާރީތައް ވަނީ ފަށާފަ އެވެ.
ސާރާ ތައާރަފްވީ 2018 ގައި ރިލީޒްކުރި "ކެދާރްނާތު" އިންނެވެ. މި ފިލްމުގެ ބަތަލަކީ ސުޝާންތު ސިންގް ރާޖްޕޫތެވެ. އޭގެ ފަހުން ރަންވީރު ސިންގް އާއެކު "ސިމްބާ"، ކާރްތިކް އާރްޔަން އާއެކު "ލަވް އާޖް ކަލް" އަދި ވަރުން ދަވަން އާއެކު "ކޫލީ ނަންބަރު 1" ކުޅެފައި ވެއެވެ. މިހާރު ސާރާ ކެޅެމުންދަނީ "އަތުރަންގީ ރޭ" އެވެ. މި ފިލްމުގެ ބަތަލުންނަކީ އަކްޝޭ ކުމާރާއި ދަނޫޝް އެވެ.