ދުނިޔެ

އދ. އިން އަގްސާ މިސްކިތް ބެލެހެއްޓުމާ އިޒްރޭލް ދެކޮޅު ހަދައިފި

ގާޒާ (އަލްޖަޒީރާ) - އަލް އަގްސާ މިސްކިތް ބެލެހެއްޓުން އދ. ގަބޫލުކުރާ ބައިނަލް އަގްވާމީ ފޯސްއަކުން ބެލެހެއްޓުމަށް ފަލަސްތީނުން ހުށަހެޅި ހުށަހެޅުމާ އިޒްރޭލުން ދެކޮޅު ހަދައިފިއެވެ.

އިޒްރޭލުން އދ. އަށް ކަނޑައެޅާފައި ހުންނަ އެމްބެސެޑަރު ވިދާޅުވީ ބައިނަލް އަގްވާމީ ފަރާތްތަކުން އަގްސާ މިސްކިތުގެ ކަންކަމުގެ ތެރެއަށް ވަނުމަކީ އެ ސަރަހައްދުގެ ހަމަޖެހުމަށް އެހީ އަކަށް ވާނެ ކަމެއް ކަމަށް އިޒްރޭލުން ގަބޫލު ނުކުރާ ކަމަށެވެ.

މި މަހު ކުރީކޮޅުން ފެށިގެން އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި ހަމަނުޖެހުން އިތުރުވެފައި ވަނީ އިޒްރޭލުން އެ ސަރަހައްދަށް ވަނުމަށް މުސްލިމުންނަށް ހުރަސް އެޅުމުގެ ސަބަބުންނެވެ. އަދި ޔަހޫދީންނަށް އެ މިސްކިތަށް ވަނުމަށް ފުރުސަތުތަކެއްދީ މުސްލިމުން ރުޅިއެރުވުމުގެ ސަބަބުންނެވެ.

އަގްސާ މިސްކިތަކީ މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ތަނެވެ. އިޒްރޭލުން ގަބޫލު ކުރަނީ އެތަނަކީ ޔަހޫދީންގެ މުގައްދަސް ތަނެއް ކަމަށެވެ.

މި މަހު ފެށިގެން ކުރިއަށްދާ ހަމަނުޖެހުން ތަކުގައި މިހާތަނަށް ސާޅީހަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުންނާއި އިޒްރޭލުގެ ހަތް މީހަކު ވަނީ މަރުވެފައެވެ. މިހާރު ކުރިއަށްދާ ހަމަނުޖެހުންތައް ވަރުގަދަ ދީނީ ހަނގުރާމައަކަށް ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އދ. އިން އިއްޔެ ވަނީ ދީފައެވެ.