ކޮވިޑް-19 ގެ ސަބަބުން ބައެއް ދާއިރާ ތަކުން ވިޔަފާރި ދަށްވިނަމަވެސް، އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި ތިން ވަނަ ކުއާޓަރުގައި 100 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްޓީއޯގެ ތިން ވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މި ކުއާޓަރުގައި އެ ކުންފުންޏަށް 100 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު 94 މިލިއަން ރުފިޔާގެ ސާފު ފައިދާއާ އަޅާ ބަލާނަމަ ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.
އެސްޓީއޯގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނިން މި ކުއާޓަރުގައި 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. މި ވިޔަފާރިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ތެލުން 818 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ނޫން ދާއިރާ ތަކުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 727 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ ކުންފުންޏަށް މި މުއްދަތުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެ ކުންފުންޏަށް މި ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 119 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 120 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި ކުއާޓަރުގައި ވިޔަފާރި ފައިދާއިން ނަގާ ޓެކުހުގެ ގޮތުގައި އެސްޓީއޯއިން 19 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
މާލީ ރިޕޯޓުގެ އުސްއަލިތައް
- ޖުމްލަ އާމްދަނީ 1.5 ބިލިއަން ރުފިޔާ
- ތެލުން 818 މިލިއަން ރުފިޔާ
- އެ ނޫން ދާއިރާ ތަކުން 727 މިލިއަން
- ޓެކުހަށް ކެނޑުމުގެ ކުރިން 119 މިލިއަން ރުފިޔާ
- ސާފު ފައިދާ 100 މިލިއަން ރުފިޔާ
މި އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް އެ ކުންފުނީގައި 2,057 މުވައްޒަފުން މަސައްކަތް ކުރަމުންދެ އެވެ. މީގެތެއިން 1,666 މީހުން (81 ޕަސެންޓް) އަކީ ދިވެހިންނެވެ. އަދި ބިދޭސީންގެ ނިސްބަތަކީ 391 (19 ޕަސެންޓް) އެވެ.