ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިފްލާސްވުމާއި އިފްލާސް ކުރުން ނުވަތަ ބޭންކްރަޕްސީގެ ބިލުގައި ކުންފުނިތައްވެސް ހިމަނައި، ކުންފުނިތަކުގެ ހިއްސާދާރުންނާއި މުވައްޒަފުން ހިމާޔަތް ކުރެވޭ ގޮތަށް އެ ބިލު އިސްލާހު ކުރުމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފި އެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލާ ގުޅޭގޮތުން އިއްޔެގެ ޖަލްސާގައި ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ މިފަދަ ބިލެއްގެ އެންމެ މުހިއްމު ބައި ކަމުގައިވާ ކުންފުނިތަކާއި ޕާޓްނާޝިޕްތައް ނުހިމެނޭ ކަމަށެވެ.
ބިލުގައި މައިގަނޑު ގޮތެއްގައި އިފްލާސް ކުރުމަށް ހުށަހަޅާފައި ވަނީ ވަކިވަކި ޝަހުސުންނާއި ސޯލް ޕްރޮޕްރައިޓަރުން ނަމަވެސް، ކޯޓަކުން ކަނޑައަޅައިފިނަމަ، މި ގާނޫނުގެ ހަމަތަކުގެ ތެރެއިން ކުންފުންޏެއް ވެސް އިފްލާސް ކުރެވިދާނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ހާއްސަކޮށް އާއްމުންނަށް ހިއްސާ ވިއްކައިގެން ހިންގާ ޕްބަލިކް ކުންފުނިތައް ބަނގުރޫޓުވި ނަމަވެސް، އެ ކުންފުނީގެ މުދާ ވިއްކައިގެން އަދާކުރަނީ ހަމައެކަނި ދަރަނި ކަމަށެވެ.
"ޕަބްލިކް ލިމިޓެޑް ލައިބިލިޓީ ކުން ފުންޏެއް ގައި މީހުން ހިއްސާ ގަނެގެން އުޅޭއިރު، އެ ކުންފުނި ބަނގުރޫޓު ވިޔަސް، އެ ކުންފުނީގެ ނަމު ގައިހުރި މުދާތައް އެކަނި ދަރަނި އަދާކުރުމަށްޓަކައި ނެގެނީ. ހިއްސާދާރުންނަކީ ހިއްސާ ގަނެގެން އުޅޭ މީހުން. އެހެންވީމާ ، އެ މީހުން ގެ އަމިއްލަ ޕްރައިވެޓް ޕްރޮޕަޓީ، މިސާލަކަށް އެ ތަކެއްޗެއް މި ގާނޫނުގެ އިހުތިސާސްތަކުގައި އަންނަ ގޮތަކަށެއް އެކަމެއް ނުހެދޭނެ،" ޝަރީފް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ކުންފުންޏެއްގެ މުދާތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ނުވަތަ ފަރުވާކުޑަކޮށްގެން ކުންފުނި ބަނގުރޫޓުވާ ހާލަތެއްގައި އެ މައްސަލަ ތަހުގީގުކުރެވޭނެ އިންތިޒާމެއްވެސް މި ބިލުގައި ހިމަނަންޖެހޭ ކަމަށެވެ.
ކުންފުނިތަކުގެ ހިއްސާ ދާރުންގެ އިތުރުން، އެ ކުންފުންޏެއްގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންގެ ހައްގުތައްވެސް ހިމާޔަތް ކުރެވޭ ގޮތަށް މި ބިލު އިސްލާހުކުރަންޖެހޭކަންވެސް ޝަރީފް ފާހަގަކުރެއްވި އެވެ.
އިއްޔެގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ވަނީ ފާސްކޮށްފަ އެވެ. އަދި އެ ބިލު ދިރާސާކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.