ބާސެލޯނާ

ބާސާގެ ވަގުތީ ރައީސަކަށް ކާލެސް ހަމަޖައްސައިފި

އެފްސީ ބާސެލޯނާގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް، ކުލަބުގެ އިކޮނޮމިކް ސްޓްރެޓޭޖީ ކޮމިޓީގެ ރައީސް ކަމުގައި ހުންނެވި ކާލެސް ޓުސްކެޓްސް ހަމަޖައްސައިފި އެވެ.

ބާސާގެ ރައީސް ކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ޖޯސެފް މާރިއާ ބާޓޮމެއު މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ހޫނު ފެނަށް ވެއްޓިފައިވާ ބާޓޮމެއު އިސްތިއުފާ ދެއްވީ، އޭނާގެ އިތުބާރު ނެތް ކަމަށް ވޮޓް ނަގަން ހަމަޖެހިފައި ވަނިކޮށެވެ. ބާޓޮމެއު އާއެކު އޭނާގެ ޑައިރެކްޓަރުންގެ ބޯޑުވެސް އިސްތިއުފާ ދިނެވެ.

ކުލަބުގެ ގަވާއިދު ބުނާ ގޮތުގެ މަތިން ކުލަބުގެ ބޯޑް އެކީ އިސްތިއުފާ ދިނުމުން، ދެން ކުލަބުގެ ކަންކަން ހިންގުމަށް އުފައްދަން ޖެހޭނީ ކުލަބު މެނޭޖިން ކޮމިޝަނެކެވެ. ޓުސްކެޓްސް ވާނީ މެނޭޖިން ކޮމިޝަންގެ ރައީސް ކަމުގައެވެ.

މެނޭޖިން ކޮމިޓީގެ ދައުރު ކުޑަ ވާނެ އެވެ. މެނޭޖިން ކޮމިޓީގެ މަސްއޫލއިްޔަތަކީ ކުލަބު ދުވަހުން ދުވަހަށް ހިނގަހިނގާ އޮތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ކުލަބުގެ ބޯޑު ތަމްސީލު ކުރަން ޖެހޭ ހަފުލާތަކާއި ފޯރަމްތަކުގައި ކުލަބު ތަމްސީލު ކުރުމެވެ. ކުލަބުގެ ހިންގުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސްއޫލއިްަތުގެ ދަށުން ކުލަބުގެ އިންތިހާބުގެ ކަންކަން ތިން މަސް ދުވަހުގެ ތެރޭގައި ބޭއްވުމަކީވެސް ކުލަބުގެ މެނޭޖިން ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.

މޭނޭޖިން ކޮމިޝަން އެކުލެވިގެންވާ ގޮތް

  • ކާލޭސް ޓުސްކެޓްސް - ރައީސް
  • ހުއާން ރާމަން ރާމޯސް - ނައިބު ރައީސް
  • ހުއާން ލުއިސް ގާސިއާ - ހަޒާންދާރު
  • ޖޯސެފް މާރިއާ މިރް މަޑޫލެސް - ސެކެރެޓެރީ
  • މިގްއެލް ޔަގޯ ކޒަޑަވާއީ - ޗެއާޕާސަން
  • ޖޯސެފް މާރިއާ ޒެކާވިސް - ޗެއާޕާސަން
  • އެލެކްސް ޓިންޓޯރޭ - ޗެއާޕާސަން
  • ސޯނިއާ ކޯނޯ- ޗެއާޕާސަން

މެނޭޛުމެންޓް ކޮމިޝަންގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވަން ހަމަޖެހިފަ އެވެ. އެއަށް ފަހު ވަގުތީ ރައީސްގެ ހައިސިއްޔަތުން ޓުސްކެޓްސްގެ ރަސްމީ ބަޔާން ދެއްވާނެ އެވެ.

ކުރީގެ ރައީސް ބާޓޮމެއުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ސޮއި ހޯދަން ފެށުނީ މިދިޔަ އޯގަސްޓް މަހު އެވެ. އެ މަސައްކަތަށް އިތު ފޯރިއެއް ބާސާގެ މެންބަރުގެ މެދުގައި އުފެދިގެން އެއީ ކުލަބުގެ ކެޕްޓަން ލިއޮނަލް މެސީ، ކުލަބު ދޫކޮށްލަން ބޭނުންވާކަން ހާމަ ކުރުމުންނެވެ. މެސީ ޓީމު ދޫކޮށްލަން ބޭނުންވި އެއް ސަބަބަކީ ކުލަބުގެ ބޯޑާ މެދު ހިތްހަމަ ނުޖެހުމެވެ. އިތބާރު ނެތް ކަމުގެ މައްސަލައިގައި ކުލަބުގެ މެންބަރުންގެ ތެރެއިން 17،000 މެންބަރުން ސޮއި ކުރި އެވެ.

ބާސޯލާނާ އަށް އިންގްލާބީ ބަދަލުތަކެއް ގެންނެވި، ކުރީގެ ރައީސް ހުއާން ލަޕޯޓާގެ ފައިނޭންޝިއަލް ޑައިރެކްޓަރުގެ މަގާމު އަދާ ކުރެއްވި ބާޓޮމެއު، ބާސާލޯނާގެ ރައީސް ކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ ޖަނަވަރީ 2014 ގަ އެވެ. އޭއީ އޭރު ކުލަބުގެ ރައީސް ކަމުގެ މަގާމުގައި ހުރި ސެންޑްރޯ ރޮޒެލް އިސްތިއުފާ ދިނުމުންނެވެ.

ޖަނަވަރީ 2014 އިން ޖުލައި 2015 އާ ހަމައަށް ބާޓޮމެއު ހުންނެވީ ކުލަބުގެ ވަގުތީ ރައީސްކަމުގަ އެވެ، ޖުލައި 2015 ގައި ބޭއްވި އިންތިހާބުގައި އޭނާ ރައީސް ކަމަށް ވަޑައިގެންނެވި އެވެ.