ދުނިޔެ

އިންޑިޔާގައި ކުޑަކުދިން ރޭޕް ކުރުން ގޯހުން ގޯހަށް

Oct 17, 2015

ނިއުދިއްލީ (އަލްޖަޒީރާ) - ފަސް އަހަރުގެ ކުއްޖަކާއި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި ވަކި ދެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ދިއްލީ ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ދެ އަހަރުގެ ކުއްޖާ ގެއްލުނީ ގޭ ދޮށުގައި އިއްޔެ ކުޅެން އުޅެނިކޮށް ކަމަށެވެ. އެކުއްޖާ ހޯދުމަށް އާއިލާއިން ކުރި މަސައްކަތުން އޭގެ ތިން ގަޑި އިރު ފަހުން ފެނުނުއިރު އޮތީ ޕާކެއްގައި އަނިޔާތަކާއެކު ހޭނެތިފައި ކަމަށްވެސް ފުލުހުން ބުންޏެވެ. މި ހާދިސާގައި ފާހަގަ ކުރެވޭ އަނެއް ކަމަކީ މި ކުއްޖާ ގެއްލުނީ އެ އަވަށުން ކަރަންޓު ކެނޑިގެން އުޅުނު ވަގުތެއްގައެވެ.

ދެ އަހަރުގެ ކުއްޖެއް ރޭޕްކުރި މައްސަލަ ހުށަހެޅުނުއިރު ފުލުހުން ގެންދިޔައީ އިއްޔެ ހިނގި އެހެން ގޭންގް ރޭޕް މައްސަލައެއްގައި ތިން މީހަކާ ސުވާލު ކުރަމުންނެވެ. މިއީ ފަސް އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެކެވެ. މި ދެ ކުދިންނަށް ވެސް މިހާރު ގެންދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.


ނިއު ދިއްލީގައި މި ފަހަކަށް އައިސް ކުޑަކުދިން ރޭޕްކުރުމުގެ މައްސަލަތައް އިތުރު ވެފައި ވާ ކަމަށް ފާހަގަ ކުރެވެއެވެ. މި ދިޔަ ހަފްތާގައި ވެސް ރޭޕް ކޮށްފައިވާ ހަތަރު އަހަރުގެ ކުއްޖަކު ބޮޑެތި އަނިޔާ ތަކަކާއެކު ރޭލު ދަގަނޑެއް މަތިން ފެނިފައި ވެއެވެ.

މިދިޔަ އަހަރު އިންޑިޔާގައި 36735 ރޭޕް މައްސަލަ ރެކޯޑް ކުރެވިފައި ވެއެވެ. އޭގެ ތެރެއިން ދެހާހަށްވުރެ ގިނަ މައްސަލަ ރެކޯޑް ކުރެވިފައި ވަނީ ވެރިކަން ކުރާ ރަށް ދިއްލީ ގައެވެ. ތަޖުރިބާކާރުން ބުނަނީ އިންޑިޔާގެ ސަގާފަތް އޮންނަ ގޮތުން ރޭޕް ގެ ގިނަ މައްސަލަތަކެއް ރެކޯޑް ނުކުރެވި ދާތީ ރޭޕް ގެ އަސްލު އަދަދުތައް އަދި މިއަށްވުރެ މާ މަތިވާނެ ކަމަށެވެ.