ފްރާންސް

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލައިފި

ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރަހަމުންދާ މައްސަލާގައި އެކަން ކުރަމުން އަންނަ ފުރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ރާއްޖޭގެ 34 ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

އެ ޖަމިއްޔާތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަބިއްޔާއަށް ނިސްބަތްކޮށް ކުރަހާފައިވާ ކާޓޫނުތަކެއް ފްރާންސްގެ ސަރުކާރުގެ އޮފީސްތަކުގައި ބޮޑު ސްކުރީނުން އަޅުވާފައިވާ ކަމަށާ އަދި އިސްލާމްދީނާ މެދު ނަފްރަތްތެރިކަން ފެތުރުމަކީ ހިޔާލު ފާޅުކުރުން ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

މި ފަދަ ކޮންމެ ކަމަކީ ހައްދުފަހަނަޅާފައިވާ ކާފަރުން، ޑިމްކޮރެސީ އާއި އިންސާނީ ހައްގުގެ ނަމުގައި ފަތުރާ ޝިއާރުތަކުގެ އަނެއް ފަރާތުގައިވާ ނަފްރަތާއި ގަދަކަމުން މީސްތަކުން އަޅުވެތި ކުރުމުގެ މަކަރުވެރި މަސައްކަތް ބޭޒާރުވެ ހާމަކޮށްދޭ ކަމެއް ކަމަށެވެ. އެ ބަޔާނުގައި ވަނީ އެފަދަ ކަންކަމާމެދު ދިވެހި ރައްޔިތުން ހޭލުންތެރިވެ ތިބުމަށް އިލްތިމާސް ކޮށްފައެވެ.

"ތިމާ ލޯބިވާ މީހާ އަށް އެހެން މީހަކު ފުރައްސާރަ ކުރުމަކީ އިންސާނާގެ ފިތުރަތާއި ބުއްދި ގަބޫލުކުރާ ހަމައަކަށް ނުވާއިރު، އެންމެ ފުރިހަމަ ލާމަސީލު އިންސާނާ ﷲގެ ކައު ނަބިއްޔާއަށް މިއަދު ފަރަންސޭސިވިލާތުގެ ސަރުކާރުން ކޮށްފައިވާ ލާއިންސާނީ ލާދީނީ އަމަލު ކުށްވެރިކު ރުމަކީ އަޅުގަނޑުމެންގެ އިމާންކަށް ލާޒިމުކުރާ ކަމެއް. އެއީ އެއްވެސް ހާލެއްގައި އެކަލޭގެފާނުގެ އަބުރުފުޅަށް އެ ކާފަރުންގެ ފުރައްސާރައިގެ ސަބަބުން ގެއްލުމެއް ވެދާނެތީ އެއް ނޫން. އެމީހުން ހުއްޓާނުލައި ފުރައްސާރަކުރިއަސް އެކަލޭގެފާނުގެ މަތިވެރިކަމާ މަގާމަށް އަންނާނޭ ކުޑަވެސް ކިލަނބުކަމެއް ނުމެ އޮންނާނެ. އަދި ކިއެއްތަ! އެފަދަ ކޮންމެ އަމަލަކުންވެސް، އެކަލޭގެފާނަށް މުސްލިމުން ކުރާ އިހްތިރާމާއި ލޯބި ދާނީ ހައްތަހާ ގަދަވަމުން އިތުރުވަމުން. ކާފަރުންތައް ޖެހޭނީ އެ ރުޅީގައި ފަޅައިގެންގޮސް މަރުވެ ސުންނާފަތިވާން،"

ނަމަވެސް، އެކަލޭގެފާނަށް ފުރައްސާރަކުރެވޭ ހިނދު އެކަލޭގެފާނުގެ ދިފާއުގައި އަޑު ނުއުފުލައި ކަހާތަން ހިރުވާވެސްނުލާ ތިބުމީ މުސްލިމުން ކަމަށް ދައުވާކޮށްގެ ތިބެމެ، އެ ދައުވާގައި ތެދުވެރިކަމެއް ނެތްކަމުގެ ސާފުހެއްކެއް ކަމަށް ޖަމިއްޔާތަކުގެ ބަޔާނުގައިވެއެވެ.

އަދި ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓުކޮށް، އެ ގައުމުން އެ އަމަލުތައް ހުއްޓާލައި މުސްލިމުންގެ ކިބައިން މާއާފަށް އެދެފުމަށް ދާންދެން އެމީހުންނާއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

"އަދި މި ގޮވާލުމަށް ސަރުކާރުން އިޖާބަނުދިން ނަމަވެސް ކޮންމެ ދިވެއްސަކުވެސް އަމިއްލަ ފަރުދީ ޒިންމާގެ ގޮތުން ފުރާންސުގެ އުފެއްދުންތައް އެކީ އެކަށް ބޮއިކޯޓު ކުރުމަށް ގޮވާލަން. އަދި އެކަމުގެ ނުރުހުމާއި އިންކާރުކޮށް އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާގެ ދިފާއުގައި އަޅުގަނޑުމެންވެސް ކޮންމެވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ނަސީބު ލިބިގަތުމަށްވެސް އެންމެހާ އަހުންނާ އުހްތުންނަށް ހަނދުމަކޮށް އަރުވަން،" ޖަމިއްްޔާތަކުގެ ބަޔާނުގައިވެއެވެ.