ވިޔަފާރި

މޯލްޑިވްގޭހުން ލުއި ފުޅި ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށަނީ

Nov 1, 2020
2

ގޭހުގެ ވިޔަފާރި ކުރާ ސަރުކާރު ކުންފުނި، މޯލްޑިވް ގޭހުން ލުއި ފުޅި ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިއަދުން ފެށިގެން މާލެ ސަރަހައްދަށް ހާއްސަކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ލުއި ފުޅިއަށް ރަޖިސްޓްރީ ކުރުމަށް ކުރިން ނަގަމުން އައި ފީ ނުނަގާނެ ކަމަށެވެ. މީގެ ބަދަލުގައި ދައްކަން ޖެހޭނީ ހަމައެކަނި ރިފިލް ކުރަން ނަގާ 200ރ. އެކަނި ކަމަށެވެ.

މޯލްޑިވް ގޭހުން ބުނި ގޮތުގައި މި ޕްރޮމޯޝަންގައި ފުޅި ލިބޭނީ ހަމައެކަނި މިހާރު ހުރި ލުއި ފުޅީގެ ސްޓޮކް ހުސްވަން ދެން ކަމަށެވެ.

އެ ކުންފުނިން ރާއްޖޭގެ ގޭބިސީ ތަކަށް ދޫކުރާ ލުއި ފުޅިއަކީ ރައްކާތެރިކަން ކަށަވަރުކޮށް، ޓެސްޓް ކޮށްފައިވާ ޕްރޮޑަކްޓް އެކެވެ. އަދި އެ ކުންފުނިން ބޭނުންކުރާ ގޭހަނީ ދުނިޔޭގައި މި ވަގުތު މިގޮތަށް ބޭނުންކުރާ އެންމެ ރައްކާތެރި ގޭހެވެ. މޯލްޑިވްގޭހުން ދާދިފަހުން ވަނީ ރާއްޖޭގައި އެމެރިކާގެ ކާލްޓަން ބްރޭންޑްގެ ރެފްރިޖެރެންޓް ގޭސް ތައާރަފުކޮށްފަ އެވެ.

މޯލްޑިވް ގޭހުން ރާއްޖޭގައި ގޭހުގެ ހިދުމަތް ދެނީ ތިލަފުށީގައި ބަހައްޓާފައިވާ ހާއްސަ ޕްލާންޓްއެއް މެދުވެރިކޮށެެވެ. އެ ކުންފުނިން ދަނީ ކައްކާ ގޭހުގެ އިތުރުން މެޑިކަލް ގޭސް ވެސް ފޯރުކޮށްދެމުންނެވެ.