ހަބަރު

ލިބުނު ތަޖުރިބާއިން ގޮވުމުގެ ހަގީގަތް ހޯދޭނެ: އުމަރު

Oct 17, 2015
3

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގު ހިނގާއިރު ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ރާއްޖެއިން ބޭރުން ލިބިވަޑައިގަތް ތައުލީމާއި ތަޖުރިބާ، އެ ހާދިސާގެ ހަގީގަތް ހޯދަން އެހީއަކަށްވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަދި ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގެ ކޯޗެއާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިރޭ ކުރެއްވި ޓްވީޓެއް ކުރައްވާ އެހެން ވިދާޅުވި އިރު، ޖިނާއީ ތަހުގީގު އޮފިސަރު ކަމުގެ ކޯސް ފުރިހަމަކުރެއްވި ބޭރުގެ އެކަޑަމީއަކުން އޭނާއަށް ދީފައިވާ ލިޔުމާއި ކިޔަވާ ވިދާޅުވި ދުވަސްވަރުގެ ފޮޓޯއެއް ވެސް ހިމަނާފައިވެއެވެ.

އުމަރުގެ ޓްވީޓްގައި ވިދާޅުވީ އޭރު ކިޔެވި ތަކެތީގެ ބޭނުން މިހާރު ހިނގައިގެން އުޅޭ ހާދިސާ ތަހުގީގުކޮށް ހަގީގަތް ހޯދުމުގައި އެހީތެރިވެދޭ ކަމަށެވެ. އިތުރު އެއްޗެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ. މީގެ ކުރިން އުމަރު ވިދާޅުވެފައިވާ ގޮތުގައި ތަހުގީގަށް އަންނަނީ ކުރިއެރުންތަކެއް ލިބެމުންނެވެ.

އެ ހާދިސާ ތަހުގީގު ކުރާ އިންކްއަރީ ކޮމިޝަންގެ ކޯޗެއާއަކަށް އުމަރު ނަސީރު އިންނަވާތީ މިހާރުގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ސުވާލުތަކެއް ކުރިމަތި ކުރައްވައިފަ އެވެ. އަދި ނައިބު ރައީސްގެ ސަޕޯޓަރުން ގެންދަވަނީ އެ ހާދިސާގެ ހުރިހާ ކަމެއް ނައިބު ރައީސްގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރައްވަނީ އުމަރު ކަމަށް ތުހުމަތުކޮށްފަ އެވެ.

މީގެ އިތުރުން މި ހާދިސާއަށް ފަހު އުމަރުގެ ނަމުގައި ތަފާތު ފޭކް އެސްއެމްއެސްތައް ދަނީ ދައުރުވަމުންނެވެ.

އެކަމަށް ރައްދު ދެއްވައި އުމަރު ރޭ ވިދާޅުވެފައި ވަނީ އޭނާގެ ނަމުގައި އެކި ފާޑުގެ އަސްލެއް ނެތް މެސެޖްތަކާއި ސްކްރީންޝޮޓްތަކެއް ދައުރު ކުރަނީ ރައީސްގެ ލޯންޗްކޮޅުގައި ބޮން ގޮއްވާލުމަށް ފަހު އެކަން ފޮރުވަން އުޅޭ ބަޔަކު ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރި ބޭރުގެ އެކްސްޕާޓުން ނިންމާފައި ވަނީ ރައީސްގެ ލޯންޗްކޮޅުގައި ބަޔަކު އެއްޗެއް ގޮއްވާލީ ކަމަށެވެ. އަދި ގޮއްވާލި އެތި ހަރުކޮށްފައި ހުރީ ލޯންޗް ކެޕްޓަން އިންނަ ގޮޑި ދަށުން ވީއައިޕީ ކެބިންގެ ތެރޭގައި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެފައިވެ އެވެ.

އެ ހަމަލާގައި ރައީސްއަށް ގެއްލުމެއް ނުވި ނަމަވެސް ރައީސްގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ ބުރަކަށީގެ ކަށިތަކަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފަ އެވެ. އަދި ރައީސްގެ ބޮޑީ ގާޑަކަށާއި ސެކްރެޓަރީގެ ގައިގެ އެކި ތަންތަން ވަނީ ފިހެން ވެސް ފިހިފަ އެވެ.