ވޭތުވެދިޔަ 40 ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އެކި ގޮތްގޮތަށް ތިން ހަމަލާ ރާވާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޕީއެސްމްގެ ވެބްސައިޓަށް ހޯމް މިނިސްޓަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން އަވަހާރަކޮށްލުމަށް ފުރަތަމަ ހަމަލާ ދިނީ 28 ސެޕްޓެމްބަރުގައި "ފިނިފެންމާ" ގައި ކަމަށާއި ދެވަނަ ހަމަލާ ރާވާފައި ވަނީ ސްނައިޕަ ޝޫޓަރެއްގެ އެހީގައި ބަޑިން ހަމަލާދީގެ ކަމަށެވެ.
ސްރީލަންކާގެ އެމީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެމީހާ ހައްޔަރު ކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޗައިނާ ދަތުރު ނިންމާލުމަށްފަހު މާލެ ވަޑައިގަތް ދުވަހު އެވެ. މިއަދު ފުލުހުން ބުނެފައިވާ ގޮތުގައި އެމީހާއަކީ ހަތިޔާރު ބޭނުންކޮށްގެން ރައީސް އަވަހާރަކޮށްލަން ފައިސާ ހަރަދުކޮށްގެން ގެނައި މީހެކެވެ.
އެކަމަށް ހަރަދު ކުރީ ކާކުކަން ފުލުހުންނާއި ހޯމް މިނިސްޓަރު އަދި ވިދާޅު ނުވި ނަމަވެސް "އަވަސް" އަށް ކަށަވަރުވެފައިވާ ގޮތުގައި އެމީހާއަް ހަރަދުކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަދީބެވެ.
އުމަރު ވިދާޅުވީ ރައީސް އަވަހާރަކޮށްލަން ތިން ވަނަ ހަމަލާއެއް ރޭވީ ރައީސްގެ ގިނަ ބައްދަލުވުންތަކެއް ބާއްވާ މުލިއާގޭ ކައިރިން ރައީސް އާންމުކޮށް ދަތުރު ކުރައްވާ މަގުގައި ބޮމެއް ގޮއްވާލައިގެން ކަމަށާއި އެ ހަަމަލާ ރާވާފައި ވަނީ ގިނައަދަދެއްގެ ބަޔެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް ކަމަށެވެ.
އެހެންނަމަވެސް ބޮން ގޮއްވާލުމުގެ ކުރިން އެކަން އެނގި ސަލާމަތީ ބާރުތަކުންވަނީ އެބޮން ނުގޮވާ ގޮތް ހަދާފައެވެ.
މިއީ ރާއްޖޭގެ ފަހުގެ ތާރީހުގައި ރައީސަކު އަވަހާރަކޮށްލަން ޒަމާނީ ހަތިޔަރު ބޭނުންކޮށްގެން އެންމެ ގިނަ ހަމަލާ އާމާޒު ކުރި ފުރަތަމަ ރައީސެވެ. މީގެ ކުރިން ރައީސަކު އަވަހާރަކޮށްލަން އެންމެ ގިނަ ހަމަލާ އަމާޒުކޮށްފައި ވަނީ ރައީސް މުހައްމަދު އަމީނަށެވެ. އެއި ވަޅި ބޭނުންކޮށްގެންނާއި ސިހުރު ހަދައިގެންނާއި ޒަހަރު ބޭނުންކޮށްގެނެވެ. އެމަނިކުފާނު އަވަހާރަވީ އެމަނިކުފާނުގެ ވެރިކަން އިނގިލިބު ކުރި ފަހުން ދޫނިދޫގައި ހުންނަވައި މާލެ ވަޑައިގަތުމުން ތަޅައި އަނި ކުރުމުން ލިބި ވަޑައިގެންނެވި ޒަހަމްތަކަށް މާ ބޮޑު ފަރުވާއެއް ނުލިބި ވިހަމަނާފުށީގަ އެވެ،