ރައީސް އަބްދުﷲ ޔާމީނަށް ދިން ހަމަލާ

"ފިލި އެންމެން ގެނެސް އަދަބު ދޭނަން، އެ މީހުން ދައްކަނީ ބުރަދަނެއް ނެތް ވާހަކަ"

ރިޔާސީ ލޯންޗްގައި ބޮން ގޮއްވާލައި، ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލައާ ގުޅިގެން ހޯދަން އިއުލާންކުރި މީހުންގެ ތެރެއިން ރާއްޖޭން ބޭރުގައި ފިލައިގެން އުޅޭ މީހުން ހޯދައި ގާނޫނީ އަދަބު ދޭނެ ކަމަށް ހޯމް މިނިސްޓަރު އަދި ނެޝަނަލް އިންކްއަރީ ކޮމިޝަންގެ ކޯޗެއާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރައީސް އަވަހާރަކޮށްލަން އެމަނިކުފާނު ދަތުރުފުޅުކުރެއްވި ލޯންޗުގައި ބޮމެއް ގޮއްވާލުމުގައި އެހީތެރިވި ކަމަށް ތުހުމަތުކުރެވޭ އަށް މީހަކު ހޯދަން ފުލުހުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާން ކޮށްފަ އެވެ. އަދި އެމީހުން ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސްއެއް ވެސް ވަނީ ނެރެފަ އެވެ. ރާއްޖޭން ބޭރުގައި ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ އެ އެންމެންގެ ތެރެއިން ވެސް މިހާތަނަށް ފުލުހުންނަށް ހައްޔަރުކުރެވިފައިވަނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ، އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) އެކަންޏެވެ.

އިންކުއަރީ ކޮމިޝަނުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އުމަރު ވިދާޅުވީ، އެމީހުންނަށް މިއަދު ބޭރު ގައުމެއްގައި ފިލައިގެން އުޅެވިދާނެ ކަމަށެވެ. އެކަމަކު ގާނޫނު ކޮންމެވެސް ދުވަހަކުން އެމީހުންނާއި ފައިހަމަ ކުރާނެ ކަމަށާއި އެ ދުވަހަކުން އެމީހުންނަށް އަދަބުން ސަލާމަތް ނުވެވޭނެ ކަމަށެވެ. އެހުރިހާ އެންމެ ހޯދައި، ރާއްޖެ ގެނެސް ގާނޫނީ ހައްގު އަދަބު ދޭނެ ކަމަށެވެ.

"އެމީހުން އަޅުގަނޑުމެންނާ މުއާމަލާތްކޮށްފަ އެބަހުރި އެކަމާ ބެހޭގޮތުން ވެސް. އެކމަކު އެކަން ކާމިޔާބުވެފަ އެއް ނެތް. އެކަމަކު އަޅުގަނޑުމެން އެމީހުން ހޯދާނަން. ގާނޫނު ހަމަކުރާނެ އެމީހުންނާ އަރާ. މިއަދު އެމީހުންނަށް އެހެން ގައުމަކަށް ގޮސް ފިލައިގެން އުޅެވިދާނެ. ހައރާނެއް ނުވޭ އެބޭފުޅުން އަތުގަ ހުރި މައުލޫމާތު މޮޑިފައިކޮށްގެން އިދިކޮޅު ފަރާތްތަކަށް ދީ، މީހުންނަށް އޮޅޭ ގޮތަށް ވާހަކަ ފަތުރާތީ. އެކަމަކު އެއީ ސިޔާސީ އެއްވެސް ބުރަދަނެއް ހުރި ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، އެގޮތަށް ފިލައިގެން އުޅޭ މީހުން އިނދިކޮޅު ފަރާތްތަކާ ގުޅިގެން އެމީހުންނަށް އެނގޭ މައުލޫމާތު އިދިކޮޅަށް ބުނެދީގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އެއީ އެފަދަ މީހުން އަބަދުވެސް ކަން ކުރާގޮތް ކަމަށެވެ.

"އެމީހުންނަކީ ވެސް އަދި އެމީހުން އެދައްކާ ވާހަކަތަކަކީ ވެސް އޭގައި އެއްވެސް ބުރަދަނެއް ހުރި އެއްޗެއް ނޫން. އެއީ ހަމަ ގަޑިއެއްގެ ބަރު ހިނގާހެން، އެންމެ މިކޮޅަށް ވެސް ގަޑީގެ ބަރަށް އާދެވޭ، އެންމެ އެކޮޅަށް ވެސް އެ ބަރަށް ދެވޭ. އެހެންވީމަ ސިޔާސީ އެއްވެސް ބުރަދަނެއް އެވާހަކަތަކަކު ނެތް. އެހެންވީމަ އަޅުގަނޑުމެން އެމީހުން ހޯދާނަން. ހޯދައިގެން ރާއްޖެއަށް ވެސް ގެންނާނަން. ގެނެސްގެން ގާނޫނީ އަދަބުވެސް ދޭނަން،" އުމަރު ވިދާޅުވި އެވެ.