ކައިވެންޏެއް ކޮށް އެ ކައިވެންޏެއް މަތީ މާ ގިނަ ދުވަހު ދެމި ހުރުމަކީ ވަރަށް މަދު ދެމަފިރިއަކަށް ނޫނީ މިހާރު ކުރެވޭ ވަރުގެ ކަމަކަށް ނުވެ އެވެ. ދެ މީހުން ރަނގަޅަށް ދަސްކޮށްގެން ކައިވެނި ކުރުމަށް ރާވައި ދިހަ ބާރަ އަހަރު ވަންދެން ރައްޓެހިވެގެން އުޅެފައި ކައިވެނިކުރާ ދެ މީހުންނަށް ވެސް ކައިވެންޏަށް ފަހު މާ ގިނަ ދުވަހު އެކުގައި ނޫޅެވޭތަން ފެންނަނީ މަދެއް ކޮށް ނޫނެވެ. ނަމަވެސް މި ދެމަފިރިންގެ ވާހަކައަކީ އަލަށް ކައިވެނިކުރާ ވަރަށް ގިނަ ޒުވާނުންނަށް ވެސް އިބުރަތްތެރި ވާހަކައަކަށް ވާނެ އެވެ.
"ހިއުމަންސް އޮފް ބޮމްބޭ" ގެ އިންސްޓަގްރާމް ޕޭޖުގައި ޝެއާކޮށްފައިވާ މި ހަގީގީ ވާހަކައަކީ އުމުރުން ދުވަސްވީ އިންޑިޔާ ދެމަފިރިއެއްގެ ވާހަކަ އެވެ.
އުމުރުން 23 އަހަރުގައި ދެ މީހުން ފުރަތަމަ ބައްދަލުވީ ކައިވެނީގެ ޕާޓީ އަކުންނެވެ. ބައްދަލުވީތާ އެންމެ 30 މިނިޓް ތެރޭގައި ކައިވެނިކުރަން ދެ މީހުން ނިންމި އެވެ. މިހާރު މި ދެމަފިރިންގެ ކައިވެންޏަށް 58 އަހަރު ފުރިއްޖެ އެވެ.
އުމުރުން 80 އަހަރަށް ވުރެ މަތިވެފައިވާ ދެމަފިރިންގެ ދުވަސްވީ ކައިވެނީގެ ހަނދާންތައް އާކޮށްލުމުގެ ގޮތުން ކައިވެނީގެ ހެދުމުގައި ފޮޓޯޝޫޓެއް ކުރަން މާމަ/ކާފަ ދަރިއަކު ބޭނުންވި އެވެ. މިދެމަފިރިންގެ ވާހަކަ ގެނެސްދީފައިވަނީ މި ފޮޓޯޝޫޓްގެ ބައެއް ފޮޓޯތަކާ އެކުގަ އެވެ.
"ޗަޗަން (ފިރިހެން މީހާ) އާއި އަހަރެން ފުރަތަމަ ބައްދަލުވީ ކައިވެނި ޕާޓީއަކުން. އަހަރެމެންގެ މައިންބަފައިން އަހަރެން އެކަކު އަނެކަކަށް ތައާރަފްކޮށްދިނީ. އޭރު އަހަރެމެން ދެ މީހުންގެ އުމުރުން ވެސް 23 އަހަރު. އެ ޒަމާނުގައި 23 އަހަރު ވަންދެން ކައިވެންޏެއް ނުކޮށް ހުރުމަކީ ދުވަހަކު މީހަކުވެސް އަޑު ނާހާ ވަރުގެ ބޮޑުކަމެއް. އެހެންވެ އަހަރެންނަށް ކައިވެނިކުރާނެ ފިރިހެންކުއްޖަކު ހޯދުމުގެ މަސައްކަތް މައިންބަފައިން ވަރަށް ބޮޑަށް އޭރު ކުރަމުންދިޔަ. ޕާޓީން ދެ މީހުން ބައްދަލުކުރުވައި އެކުގައި ހިނގާލަން ދިއުމަށް މައިންބަފައިން އެދުނު. އެ ހިނގާލުމުގައި ހޭދަވި 30 ވަރަކަށް މިނިޓް ތެރޭ އަހަރެން ހުރީ ވަރަށް ލަދުން ވާހަކަ ދައްކަން ނުކެރިފަ. އެކަމަކު އަހަންނާ ވާވަރަށް ޗަޗަން ވާހަކަ ދެއްކި. ތަންތަނަށް ދަތުރުކުރުމާއި ފިލްމު ބެލުމަށް ވަރަށް ލޯބިކުރާ ކަމަށް އޭނާ ބުނި. ބައިގަޑިއިރު ނިމުނުއިރު އަހަރެމެން ދެމީހުންނަކީ އެއްގޮތަކަށް ވެސް ނުދަންނަ ބަޔަކަށް ނުވި. އަހަރެމެން އޭރު ވަނީ ކައިވެނި ކުރަން މުޅިން ނިންމާފައި،" ޗަޗަންގެ އަންހެނުން ކިޔައިދީފައި ވެއެވެ.
އޭގެ ދެ މަސް ފަހުން 1962 ގައި އެ ދެ މީހުން ކައިވެނިކުރި އެވެ. އެ ޒަމާނުގައި ކެމެރާ އަކީ ވަރަށް މުއްސަނދި މީހަކަށް ނޫނީ ލިބޭ އެއްޗަކަށް ނުވާތީ ކައިވެނި ކުރި ދުވަހުގެ އެއްވެސް ފޮޓޮއެއް ދެމަފިރިންގެ އަތަކު ނެތެވެ. ނަމަވެސް ކައިވެނި ކުރި އިރު އަޅައިގެން ހުރި ސާޅި އާއި ފިރިހެންމީހާ ލީ ކޯޓު ފަޓުލޫނު އަދިވެސް ރައްކާކޮށްފައި އޮތުމުން މިފަހަރުގެ ފޮޓޯޝޫޓް ފުރިހަމަކުރީ އަލަތު ކައިވެނީގެ ހެދުމުގަ އެވެ.
ޗަޗަން އާއި އޭނާގެ އަންހެނުން އިންޑިޔާގެ އެކި ހިސާބުތަކަށް ދަތުރުކޮށް ވަރަށް އުފާވެރި ދިރިއުޅުމެއް ޒުވާން ދުވަސްވަރު ހޭދަކޮށްފައި ވެއެވެ. ދެމަފިރިންނަށް ތިން ކުދިން ލިބިފައިވާއިރު މިހާރު މާމަ/ކާފަ ކިޔާވެސް ހަ ކުދިން އެބަތިއްބެވެ.
ކޮންމެ ހަފުތާއަކު ވެސް އެއް ދުވަހު ހުރިހާ ކުދިން މި ދެމަފިރިން ކައިރިއަށް އައިސް ވަރަށް އުފާވެރި ވަގުތުތަކެއް އެކުގައި ހޭދަކުރެ އެވެ. މި އާއިލާގެ އެންމެންނަށް ވެސް އެންމެ ކަމުދާ އެކައްޗަކީ ޗަޗަންގެ އަންހެނުން ވަރަށް މީރުކޮށް ކައްކާ މަސްރިހަ އެކެވެ. ކޮންމެ އާދިއްތަ ދުވަހަކު އޮންނަ އާއިލީ ކެއުމުގައި ކޮންމެހެން ވެސް މަސްރިހަ ހުންނަން ޖެހެ އެވެ.
ލޮކްޑައުންގައި ޗަޗަން އާއި ދެމަފިރިން ހޭދަކުރީ ވަރަށް އުފާވެރި ވަގުތުތަކެކެވެ. އެމީހުންގެ ދަރިންނާއި ދަރިންގެ ދަރިން އެމީހުންނާ އެކުގައި ލޮކްޑައުންގެ ދުވަސްތައް ހޭދަކުރީތީ އެވެ.
ދެމަފިރިންގެ ފޮޓޯޝޫޓަކީ ވެސް މި ދުވަސްވަރު އެ މީހުންގެ ފޮޓޯގްރާފަރު ދަރިއެއްގެ ޚިޔާލަކަށް ނެގި ފޮޓޯ ޝޫޓެކެވެ.
ޗަޗަންގެ އަންހެނުން ބުނީ ފޮޓޯޝޫޓަށް އަލުން އަލަތު ކައިވެންޏަށް ތައްޔާރުވާހެން ތައްޔާރުވުން ވީ ވަރަށް މަޖާ ކަމަކަށެވެ. އަދި އެ ހަނދާންތައް އެމީހުންގެ މުޅި އުމުރަށް ވަނީ ރައްކާކުރެވިފަ އެވެ.
މި ދެމަފިރިންގެ ވާހަކަ އިންސްޓަގްރާމްގައި ވައިރަލްވެ އެތައް މިލިއަން ބަޔަކު މި މަންޒަރުތައް ބަލައި 77،000 އަށް ވުރެ ލައިކްސް މި ވާހަކައަށް ލިބިފައިވެ އެވެ. މި ސްޓޯރީއަށް ކޮމެންޓުކުރި ބައެއް މީހުން ބުނި ގޮތުގައި މިވާހަކަ އަކީ މިއަދު އިންޓަނެޓުން ފެނުނު އެންމެ "ލޯބި" ވާހަކަ އެވެ.
"އަހަންނަށް އެނގޭ އަންހެންމީހާ އޭނާގެ ފިރިމީހާ އަށް "ޗަޗަން" ކިޔަނީ ލޯބިންކަން. ދެމަފިރިންގެ ނަން ނޭނގުނަސް އަންހެންމީހާ ދީފައިވާ މި ނަން ވެސް ވަރަށް ލޯބި،" އިތުރު ކޮމެންޓެއްގައި ވެއެވެ.