ކީރިތި ރަސޫލާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
"ކީރިތި މާތް ނަބިއްޔާ ދެކެ ލޯބިވުން" މި މައުލޫމަށް މިއަދު މުޅި ރާއްޖޭގައި އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ނަބީބޭކަލުންނަށް ފުރައްސާރަ ކުރުމަކީ އިއްޔެއަކު ނުވަތަ އަދަކު ކުރިމަތި ވެގެން އުޅޭ އައު ކަމެއް ނޫން ކަމަށާ މީސްތަކުންގެ ގާތަށް މާތްﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަަސޫލު ބޭކަލަކަށްވެސް ފުރައްސާރަކުރި ބަޔަކު އުޅޭ ކަމަށެވެ.
ކީރިތި ރަސޫލާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށާ ކޮންމެ މީހަކަށް އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަން ކުރަން ޖެހޭނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. ކީރިތި ރަސޫލާގެ މާތްކަން ބަޔާން ކުރައްވާ ހުތުބާގައި އިތުރަށް ބުނެފައިވަނީ ރަސޫލާއަށް އީމާންވުމަކީ އީމާން ކަމުގެ ރުކުނެއް ކަމަށާ އަދި އެކަލޭގެފާނަށް ކިޔަމަންގަތުމާއި އެކަލޭގެފާނުގެ މަތިވެރި މަގާމަށް ގަދަރުކޮށް، އިހްތިރާމްކޮށް، އަދަބު ތައުޒީމް އަދާކޮށް، އެމީހެއްގެ އަމިއްލަ ނަފްސާއި މުދަލާއި އަނބިދަރިންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ ނަސްރު ދީގެން މެނުއީ އެއްވެސް މުސްލިމެއްގެ އީމާކަން ފުރިހަމަ ނުވާނެ ކަމަށެވެ.
"އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ތެދުމަށް ނަފްރަތު ކުރުމާއި ކުޑައިމީސް ބަސް ބުނެ ފުރައްސާރަ ކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނެ އަމަލެއް ކަމަށް އިލްމުވެރިން ވިދާޅުވެއެވެ،" ހުކުރު ހުތުބާގައި ބުނެފައިވެއެވެ.
މުސްލިމް ނޫން ބައެއް މީހުން ގެންދަނީ ދޭތެރެ ދޭތެރެއިން ރަސޫލާއަށް ފުރައްސާކޮށް ކާޓޫން ކުރަހަމުންނެވެ. ހާއްސަކޮށް ފްރާންސްގައި އެކަން ކުރާ ބަޔަކު އުޅެއެވެ. ދާދި ފަހުން އެ މީހުންގެ އެ އަމަލު ދިފާއުކޮށް ފްރާންސްގެ ރައީސް ވަނީ ވާހަކަ ދައްކާފައެވެ. އަދި ރަސޫލާއަށް ފުރައްސާރަކޮށް ކުރެހި ކާޓޫން އެ ގައުމުގެ ސަރުކާރުގެ އޮފީސްތަކުގެ ބޭރުގައި ލެޑް އަޅުވައިގެން ދައްކާފައިވެއެވެ. އެކަމާއި ގުޅިގެން އަދި ފްރާންސްގެ ރައީސްގެ ވާހަކަތަކާއި ގުޅިގެން މުޅި އިސްލާމީ އުންމަތް ވަނީ ރުޅިވެރިކަމާއެކު އެ ގައުމާ ދެކޮޅަށް ތެދުވެފައެވެ. އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް އެ ގައުމާ ދެކޮޅަށް ހަަރުކަށި ފިޔަވަޅު އެޅުމަށް އެތަށްހާސް މުސްލިމުން ދަނީ ގޮވާލަމުންނެވެ.