ހަބަރު

ދޯނި ފަޅުވެރިންގެ ވަރުގަދަ ބަޔާނެއް

ލ. ވަޑިނޮޅި ކައިރީ އެން ދަމަން އޮއްވާ "ފަސްކުރި" ދޯންޏަށް އެރި މީހުން ކެޕްޓަނަށް ވަޅިން ބިރު ދައްކައި ދޯނި ރަހީނުކޮށް ފަޅުވެރިންނަށް އަނިޔާކޮށްފައިވާ ކަމަށް އެ ވަގުތު އެ ދޯނީގައި ތިބި މީހުން ބުނެފި އެވެ.

"ފަސްކުރި" ދޯނި ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑަށް ވިއްކި ލ.ގަން / ތުނޑި، އިހްރާމްގޭ އިދުރީސް ހުސައިން ބަޔާނެއް ނެރެ ހާމަކުރި ވާހަކަތައް ދޮގު ކޮށް އެ ވަގުތު އެ ދޯނީގައި ތިބި 22 ފަޅުވެރިން ވަނީ ބަޔާނެއް ނެރެފަ އެވެ. ދޯނީގައި އޭރު ތިބީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 21 މީހުނާއި މީދޫއަށް ނިސްބަތްވާ މީހެކެވެ.

އެ ބަޔާން ފަށަމުން ބުނެފައި ވަނީ ހަތިޔާރާއެކު ދޯންޏަށް އަރާ ހަމަނުޖެހުން ހިންގީ އިދުރީސްގެ އަމުރަށް ކަމަށެވެ. އެ ދޯންޏަށް 27 މީހުން އެރި އިރު އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާ އަދި ދޯންޏަށް އަރައި ކެޕްޓަން ވީލް ހައުސްގައި ނިދާފައި އޮއްވާ ހޭލައްވައި، ދޯނި ސްޓާޓްކޮށް ދުއްވަން އަމުރު ކުރީ ވަޅި އާއެކު ތިބި ތިން މީހުން ކަމަށާ އެ މީހުންގެ ތިބީ ވީލް ހައުސް ތެރޭ ކެޕްޓަންގެ ފުރަގަހުގައި ވަޅި ހިފައިގެން ކަމަށެވެ.

"... އެމީހުން އެ ގޮތަށް އެންގި އިރު އިދުރީސް ހުސެއިން ވެސް ދޯނީގެ ވީލް ހައުސް ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ދޯންޏަށް އެރި މީހުން އޭރު ހަޅޭލަވައި، ހުތުރު ބަހުން އެއްޗެހި ގޮވައި ފަޅުވެރިންނަށް ދިޔައީ ބިރު ދައްކަމުންނެވެ. އަދި ބައެއް ފަޅުވެރިންގެ ގައިގައި ވަޅި ޖައްސައި އެކި ކަންކަން ކުރުމަށް ދިޔައީ އަމުރު ކުރަމުންނެވެ،"

ދޯނީގެ އިންޖީނު ސްޓާޓު ކުރުމަށް ދިޔަ ފަޅުވެރިއާ އަށް ބިރު ދައްކައި، އަވަހަށް ސްޓާޓު ކުރުމަށް އަންގައި "އަވަސް ކުރޭ، ނޫނީ ވޅ ތޅލނމ" ބުނެ އިންޒާރު ދިން ކަމަށާ އަދި ދޯނީގެ ނަގިލި ނެގުން ލަސްވުމުން ނަގިލި ނަގަން ދިޔަ ފަޅުވެރިޔާގެ މޫނަށް ވަޅި ދިށްކޮށް އަވަސް ކުރުމަށް އަންގައި ވަނީ ބިރު ދެއްކި ކަމަށްވެސް ބުންޏެވެ. ދޯނީގައި ތިބި ފަޅުވެރިންނަށް އެކި ގޮތްގޮތުން ބިރު ދައްކައި ދޯނީގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގަޔަށް އެ ތަނުން މީހަކު ހޫނު ފެން އަޅާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

މި ހާދިސާ ހިނގަމުން ދިޔަ ވަގުތު އެހީއަށް އެދި އެއްވެސް ފަރާތަކަށް ގުޅާނެ ފުރުސަތެއް ދޯނީގައި ތިބި އެއްވެސް ފަޅުވެރިއަކަށް ލިބިފައެއް ނުވެއެވެ. ދޯނި ސްޓާޓުކޮށް ދުއްވަން ފެށުމުން ދޯންޏަށް އެރި މީހުން ދޯނީގައި ކާން ހުރީ ކޯއްޗެއްތޯ، ކޮފީ އެބަހުރިތޯ، ކަޕް ނޫޑްލްސް ހުރިތޯ އަހައި އެ ތަކެތި ދިނުމަށް އެންގި އެވެ. އެ ވަގުތު ދޯނީގެ ފަޅުވެރިއަކު ފާހާނާއަށް ދާން ޖެހޭ ކަމަށް ބުނެ ދޯނީގެ ފާހާނާއަށް ވަދެ ޖީބުގައި އޮތް ފޯނުން ސ. މީދޫ ޕޮލިހުންގެ އިދާރާއަށް މައްސަލަ ރިޕޯޓުކޮށް ހާދިސާގެ މައުލޫމާތު ހިއްސާކުރި އެވެ،"

ދޯނި ރަހީނުކޮށް، ލ. ގަމު ފަޅަށް ވައްދާފައި ވަނީ އެރޭ ދަންވަރު 3:00 ޖަހާ އެހާކަންހާއިރުއެވެ. ދޯނި ބަނދަރަށް ވަނުމުގެ ކުރިން ރަހީނު ކުރަން ދޯންޏަށް އެރި މީހުން ގެންދިޔަ ބައެއް ސާމާން ކަނޑަށް އުކާލާފައިވާ ކަމަށް ފަޅުވެރިން ބުންޏެވެ. އަދި ދޯނި ގަމު ބަނދަރަށް ކައިރި ކުރިއިރު ފުލުހުންގެ ބަޔަކު ބަނދަރުގައި ތިބި ކަމަށާ ދޯނި ބަނދަރު ކުރުމުން ދޯންޏަށް އެރި 27 މީހުން ފުލުހުންގެ ކުރިމަތިން ފައިބައިގެން ގޮސްފައި ކަަމަށެވެ.

"އޭގެ ތެރޭގައި އިދުރީސް ހުސެއިން ވެސް ހިމެނެ އެވެ. ފުލުހުން އެމީހުން ފޮނުވާލީ އެމީހުންގެ ނަން ނޯޓު ކުރުމަށްފަހު އެވެ. އަދި އޭގެ ފަހުން ދޯންޏަށް ފުލުހުން އަރައި، މައުލޫމާތު އޮޅުން ފިލުވައި ދޯނި ރަހީނު ކުރުމަށް އައި މީހުން ދޯންޏަށް އެރުވި ދަނގަޑާއި ތޫނު އެއްޗެހިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ފަހުން ފުލުހުން ބުނީ ހާދިސާގެ ތަހްގީގު ފެށޭނީ ތަންތަން ހުޅުވުމުން ހެނދުނު 8:00 ގެ ފަހުން ކަމަށެވެ،"

އޭގެ ފަހުން ތަހުގީގަށް ދޯނީގެ ފަޅުވެރިން ވަނީ ހާޒިރުކޮށްފައެވެ. އަދި ފަޅުވެރިން ދޯނީގައި ތިއްބާ އިތުރު ބަޔަކަށް އައިސް ދޯނިން އެއްވެސް އެއްޗެއް ނުގެންދެވޭނެ ކަމަށް ބުނެ ދޯނިން ފޭބުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ މީހުން ހިތަދޫއަށް ގެންގޮސް ދިނީ "ފަހިމަގު" ނަމަކަށް ކިޔާ ދޯންޏެއްގައި އެ ދޯނީގެ ފަޅުވެރިން ކަމަށެވެ.

ނަމަވެސް ތުހުމަތުތައް ދޮގު ކޮށް އިއްޔެ އިދުރީސްގެ ފަރާތުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.