ހަބަރު

ދޯންޏަށް އެރީ ފައިސާ ނުދޭތީ ދޯނި އަތުލަން

ދޯންޏެއްގަތް ގަތް މުއާމަލާތަށް ފަހު އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާތީ ތޫނު ހަތިޔާރާއެކު ދޯންޏަށް އަރައިފި އެވެ.

ލ. އަތޮޅުން ދޯންޏަށް އެރީ އެ ދޯނި ވިއްކި ފަރާތުންނެވެ. އެ ފަރާތުން ބުނާ ގޮތުގައި އެ ދޯންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އޭނާގެ އަތުން ބައްލަވައިގަތް ދޯންޏެއް ކަމަށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ދޯނި ލ. އަތޮޅަށް ވަނުމުން ދޯނި އަނބުރާ ނަގަން އެ ދޯންޏަށް އެރީ ކަމަށެވެ.

ފުލުހުން ބުނީ ރޭ 11:55 ހާއިރު ލާމު އަތޮޅު އެތެރެވަރީން ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް ސާފުކުރި މައުލޫމާތުން އެނގުނު ގޮތުގައި އެ ދޯންޏަށް އަރައި މާރާމާރީއެއް ހިންގާފައި ނުވާ ކަމަށާއި ލ. ގަން ތުނޑިއަށް ކައިރި ކުރަން ދޯންޏަށް އެރި ބަޔަކު އެންގި ކަމަށެވެ.

ބަޔަކު އެ ދޯންޏަށް އެރި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި އެމީހުން އެ ދޯންޏަށް ގެންދިޔަ ތޫނު އެއްޗިހި ދޯނިތެރޭގައި ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް ބުންޏެވެ،

ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި މި ދޯންޏަށް ބަޔަކު އަރާފައި ވަނީ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ ކަމަށެވެ.

މި މައްސަލަ ތަހްގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއްވެސް މީހަކު ހައްޔަރުކޮށްފައެއް އަދި ނުވެއެވެ.