ހަބަރު

"އެއީ ސީދާ ކަނޑުފޭރުމުގެ އަމަލެއް"

Oct 27, 2020
5

ލ. އަތޮޅުން ވަޑިނޮޅު ކަނޑުތެރޭގައި އޮއްވާ ތޫނު ހަތިޔާރާއެކު ދޯންޏަކަށް އަރައި އޭގައި ތިބި މީހުނަށް ބިރު ދައްކާ އެ ދޯނި ހައިޖެކް ކުރި ކަމަށް ބުނާ މައްސަލައަކީ "ސީދާ ކަނޑުފޭރުމުގެ އަމަލެއް" ކަމަށް ލ. ގަމު ތުނޑީ، އިހުރާމްގޭ / އިދުރީސް ހުސައިންގެ އަތުން އެގްރިމެންޓްގެ ދަށުން އެ ދޯނި ބައްލަވައިގަނެ ދުއްވަމުން ގެންދާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު ބައްލަވައިގަތުމަށް ފަހު "ފަސްކުރި" ދޯނި ދުއްވަނީ އައްޑު އަތޮޅުގަ އެވެ. ދޯނި ވިއްކި ފަރާތުން ފޮނުވި ބައެއް ކަމަށް ބުނާ ބަޔަކު ހަތިޔާރާއެކު ދޯންޏަށް އެރީ ލާމުގެ އެތެރެވަރީން ވަޑިނޮޅު ކަނޑުގެ ތެރެއިން ދޯނި ދުއްވަނިކޮށެވެ.

ޖާބިރު މިއަދު ވިދާޅުވީ "އެއީ ސީދާ ކަނޑުފޭރުމުގެ އަމަލެއް" ކަމަށާއި އެގޮތަށް އެކަން ކުރީ ދޯނި ވިއްކި އިދުރީސްގެ ފަރާތުން ވިޔަފާރީގެ މުއާމަލާތެއް އުސޫލުތަކުގެ ބޭރުން އޮޅުވާލައިގެން ކަމަށެވެ.

ޖާބިރު ވިދާޅުވީ މުއާމާލާތް އޮޅުވާލައި "ކަނޑުފޭރުމުގެ އަމަލެއް ދިވެހި ރާއްޖެއަށް ތައާރަފުކުރީ" އިދުރީސް ލ. ގަމު ކޯޓަށް ހުށަހެޅި މައްސަލައެއްގައި ދޯނި ވިއްކާފައިވާ އޭނާގެ ރިޗް ކްލަބް މޯލްޑިވްސްގެ މައްޗަށް ޣައިރު ހާޒިރުގައި އަމުރެއް ހޯދައިގެން ކަމަށެވެ.

"ފަސްކުރި" ދޯނީގެ އަލުން ބޭނުން ވެގެން އިދުރީސް ގަމު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ލުމުން އިއާދަ ނުކުރެވިދާނެ ގެއްލުމަކުން ދުރުވުމަށް ނެރެދިން ވަގުތީ އަމުރުގައި ރިޗް ކްލަބް މޯލްޑިވްސް އާ ދެމެދު ވެފައިވަ "ފަސްކުރި" ދޫނީ ގަނެ ވިއްކުމުގެ އެއްބަސްވުމުވެ ހަވަނަ މާއްދާގައި ރިޗް ކްލަބުން ގަންނަ އަގު ރައްދުކޮށްފައި ނުވާތީ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސްކުރި ދޯނި އެ ދޯނީގެ ވެރިފަރާތް އިދުރީސް ހުސައިނާ ހަވާލުކޮށް ދޯނީގައިވާ އެންމެހާ ތަކެތު ވަގުތުން ހަވާލު ކުރުމަށް ރިޗް ކްލަބް މޯލްޑިވްސް އަށް އަންގައި ދޯނީގައި ތިބި ފަރާތްތައް އެމީހެއްގެ އެއްޗެ އޮތްނަމަ ވެރިފަރާތުގެ ހުއްދައާއެކު އަމުރު ލިބޭތާ ހަ ގަޑިއިރު ތެރޭ ދޯނިން ފައިބަން އަންގާފައި ވެއެވެ.

އެކަން އެގޮތަށް ނުކޮށްފިނަމަ އަމުރު ތަންފީޒު ކުރަން ފުލުހުނަން ވެސް އިސް މެޖިސްޓްރޭޓް އަބްލް ފައްތާހު އަބްދުލް ޣަފޫރު އަމުރު ކުރައްވާފައި ވެއެވެ.

ޖާބިރު ވިދާޅުވީ އަގު ދީ، ދީ ހަލާސް ކުރާ ގޮތަށް ރިޗް ކްލަބަށް އިދުރީސް އެގްރިމެންޓެއްގެ ދަށުން ދޯނި ވިއްކާލާފައިވާ ކަމަށާއި ނަމެވެސް ފަޅުކޮށްފައިވާ ކަޅައިދޫއަށް ނިސްބަތްވާ ފަހުން އިދުރީސް ދޯނި ބޭނުންވުމުން ކޯޓަށް މައްސަލައެއްލައި ރިޗް ކްލްބުގެ ޣައިރު ހާޒިރުގައި ނެރުނު އަމުރެއްގެ ތެރެއިން ދޯންޏަށް އަރައި "ކަނޑުފޭރުމުގެ އަމަލެއް ހިންގީ" ކަމަށެވެ.

ޖާބިރު ވިދާޅުވީ ތޫނު ހަތިޔާރާއާއެކު ދޯންޏަށް އެރީ މިހާރު އައްޑު އަތޮޅުގައި ދުއްވާ އެ ދޯނި އެން ހިފަން ލާމަށް ގޮސް އުޅޭކަން އިދުރީހަށް އެނގެން މީހުން ފޮނުވައިގެން ކަމަށާއި އެ މައްސާގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް 18 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި ވިދާޅާވީ ކަނޑުފޭރުމުގެ މި އަމަލު އައީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށް ކުރަމުންދާ މަސައަކަތްތަކެއް ކާމިޔާބުކަމާއެކު ނިމިއްޖެ ކަމަށް ސަރުކާރު ހިންގާ ފަރާތުން ބުނަމުން ދަނިކޮށް ކަމަށެވެ. ނަމަވެސް އޭނާގެ ރިޗް ކްލަބުގެ ޣައިރު ހާޒިރުގައި އެފަދަ ޝަރުއީ އަމުރެއް ނެރެ އެގޮތަށް އުސޫލާ ހިލާފަށް އަމަލު ކުރުމަކީ "އަންޒަމާނު ކަރައަށް ވައި އެރި ދުވަސްވަރު" ވެސް ދިވެހި ރާއްޖޭގެ ޝަރުއީ ދާއިރާ އޮތް ގޮތަށް އެއްވެސް ބަދަލެއް ނައިސް އަދިވެސް އޮޕަރޭޓްވަމުން ދިއުން ކަމަށެވެ. އަދި ވިދާޅުވީ ދެވަނަ ހަސްމު ބައިވެރި ނުކޮށް ފުރުސަތު ނުދީ މި ގޮޮތަށް މެޖިސްޓްރޭޓް އަމަލު ކުރެއްވި މައްސަލަ ޖޭއެސްސީއަށް މިހާރު ހުށަހަޅާފައިވާނެ ކަމަށެވެ.

"މިއީ ކަނޑުފޭރުން ރާއްޖެއަށް އަލުން ތައާރަފުވި ހާދިސާއެއް، ވަގުތުން ވަގުތަށް މިކަން ހައްލު ނިމެންޖެހޭނެ!" އޭނާ ވިދާޅުވި އެވެ.