ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު 10،700 މީހުން ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 10،700 ވުރެ ގިނަ މީހުން އެ ބަލީން ރަނގަޅު ވެއްޖެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން 236 ދުވަސް ހޭދަ ކޮށްފައިވާއިރު މިހާތަނަށް 11,643 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 10،779 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފަ އެވެ. އެއީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 92 ޕަސެންޓް މީހުންނެވެ.

ކޮވިޑުން ރަނގަޅު ނުވެ ތިބީ 820 މީހުންނެވެ. އޭގެ ތެރެއިން 54 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑްގައި ރާއްޖެއިން 37 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑްގައި ރާއްޖެ ހޭދަކުރި އެންމެ އުނދަގޫ ދުވަސްތަކަކީ އޮގަސްޓް މަހުގެ ދުވަސްތަކެވެ. އެ މަހު އެކަނިވެސް 3،900 މީހަކަށް ބަލި ޖެހުނެވެ. 12 މީހަކު މަރުވިއެވެ. ނަމަވެސް ސެޕްޓެންބަރުން ފެށިގެން އެ ނަންބަރު ވަނީ ދަށްވާން ފަށާފައެވެ. މިއަދު ޕޮޒިޓިވްވީ 24 މީހެކެވެ. އެއީ 20 ދިވެހިިންނާއި ހަތަރު ބިދޭސީންނެވެ. މިއީ މި ފަހުން އެންމެ މަދުން މީހުން ޕޮޒިޓިވްވީ ދުވަހެވެ. މި ދިޔަ ސާޅީސް ފަސް ދުވަހުގެ ތެރޭގައި 100 އިން މައްޗަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު އެރީ އެންމެ ދުވަހަކުއެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅި ނަމަވެސް ކޮވިޑް ފެތުރޭ މިންވަރު ދަށަށްދާން ފެށުމުން ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ.

އެ ގޮތުން ކާފިއު ގަޑި ކުރުކޮށް ހޮޓާ،ކެފޭ އަދި ރެސްޓޯރަންޓްތައް ހުޅުވޭ ވަގުތު ވަނީ އިތުރުކޮށްފައެވެ. މިހާރު ކާފިއު ވަގުތަކީ ރޭގަނޑު 11 އިން ފެށިގެން ފަތިހު ހަތަރަކަށެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަންވެސް ރޭގަނޑު 10:30 ވަންދެން ހުޅުވާފައި ބެހެއްޓެއެވެ.