ބޮލީވުޑް

މައްސަލަ ބޮޑުވެ "ލަކްޝްމީ ބޮމް"ގެ ނަން "ލަކްޝްމީ"އަށް

އަކްޝޭ ކުމާރުގެ އާ ފިލްމު "ލަކްޝްމީ ބޮމް"ގެ ނަން "ލަކްޝްމީ" އަށް ބަދަލުކޮށްފި އެވެ. އަކްޝޭއަށް ނަން ބަދަލު ކުރަން މަޖްބޫރުވީ މި ނަމާ ހެދި ގިނަ ބަޔަކު ހިތްހަމަނުޖެހިގެން ބިރު ދެއްކުމާއި ކޯޓަށް މައްސަލަ ވެއްދުން ފަދަ ގިނަ ކަންތައްތަކެއް ކުރިމަތި ވެގެނެވެ.

މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ރިލީޒް ކުރުމާއެކު ވެސް މީހުންތައް މި ފިލްމުގެ ވާހަކަ ވަރަށް ގަދަޔަށް ދައްކަން ފެށި އެވެ. އެއް ބަޔަކު ފިލްމު ވަރަށް މޮޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެ ފިލްމަށް ތައުރީފު ކުރަމުން ދިޔައިރު އަނެއް ބަޔަކު ފިލްމުގެ ނަމާ ދޭތެރޭ ހިތްހަމަނުޖެހި ތަފާތު ފާޑުކިޔުންތައް އަމާޒު ކުރަމުން ދިޔަ އެވެ.

ފާޑުކިޔާ މީހުން ގަބޫލުކުރާ ގޮތުގައި ފިލްމުގެ ނަމަކީ ހިންދޫން އަޅުކަންކުރާ އަންހެން ބުދަކަށް މަލާމަތް ރައްދުވާ ނަމެކެވެ.

އެހެންވެ މި ފިލްމު ބޮއިކޮޓް ކުރުމަށް ޓުވިޓާގައި ގޮވާ ގޮވެލިފަތީގެ އަޑު ވަރަށް ގަދަވެގެން ދިޔަ އެވެ. އަދި ފިލްމުގެ ނަން ބަދަލު ނުކޮށްފިނަމަ ކޯޓަށް ދާނެ ކަމުގެ އިންޒާރު ރާޖްޕޫތު ކަރްނީ ސޭނާ އިން ދިނެވެ. އެހެންވެ އެންމެ ފަހުން "ބޮމް" ކަނޑާލުމަށް ފަހު ހަމައެކަނި "ލަކްޝްމީ" އަށް ފިލްމުގެ ނަން މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

އަކްޝޭ އާއި ކިއާރާ އަދުވާނީ ލީޑް ރޯލު ކުޅޭ މި ފިލްމު އެންމެ ފުރަތަމަ ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އޮންލައިން ކޮށެވެ. އެގޮތުން ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން އަންނަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ފިލްމު ސްޓްރީމް ކުރަން ފަށަން ވަނީ ހަމަޖެހިފަ އެވެ.