ޗައިނާގެ ފިރިހެނެއްގެ ލޮލު ތެރެއިން ދިރިދިރިއޮތް 20 ފަނި ނަގައި އެ ފަނިތައް ނަގައިދިން ޑޮކްޓަރު ވެސް ހައިރާންވެގެން ބަސް ހުއްޓިއްޖެ އެވެ. ޑެއިލީ ސްޓާ ނޫހުން ބުނި ގޮތުގައި ވެން ނަމަކަށް 60 އަހަރުގެ މި މީހާގެ ލޯ ހިރުވައި އަދި ލޮލު ތެރޭގައި އެއްޗެއް އުޅޭހެން ހީވާތާ އެތައް މަހެއް ވެއްޖެ ކަމަށް އެމީހާ ބުނެ އެވެ.
ލޮލަށް އުނދަގޫތަކެއް ވާން ފެށީމަ އެމީހާ ހީކުރީ އެއީ މާ ބޮޑަށް އޭނާ މާ ބޮޑަށް ވަރުބަލިވާތީ ދިމާވާ ކަމެއް ކަމަށެވެ. ނަމަވެސް ލޮލުގެ ރިހުން ދުވަހަކަށް ވުރެ ދުވަހަށް އިތުރުވަމުން ގޮސް ނޫޅެވޭ ވަރު ވީމަ އެމީހާ ޑޮކްޓަރަށް ދެއްކުމުން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އެވެ.
ސޫޒޫ ހޮސްޕިޓަލުގެ ޑޮކްޓަރުން އެމީހާގެ ލޯ ރަނގަޅަށް ޗެކް ކުރިއިރު 20 ވަރަކަށް ފެނި ލޮލުގެ މަތީ ބޮނޑީގައި ދިރި ދިރި ތިއްބާ ވަނީ ފެނިފަ އެވެ. މި މީހާގެ ލޮލުން ފަނިތައް ނަގައިދިނީ ޑރ. ޒީ ޓިންގް އެވެ. އޭނާ ވިދާޅުވީ މި ފަންޏަށް ކިޔަނީ ނެމަޓޯޑްސް ކަމަށެވެ. އެއީ އާންމުކޮށް ބުޅަކާއި ކުއްތާ އަދި އެނޫނަސް އެ ކަހަލަ ބައެއް ޖަނަވާރުތަކުގެ ލޮލުގެ ކަރުނަވަޅުގައި އުޅޭ އެއްޗެއް ކަމަށެވެ.
ލޮލުގެ ތެރޭގައި ބިސް އަޅައިގެން އެ ބިސްތައް ފަންޏަށް ބައްދަލުވާން 15 ދުވަހާއި 20 ދުވަހާ ދެމެދުގެ މުއްދަތެއް ނަގާނެކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.ނަމަވެސް ގޭގައި އޮޅުކޮށްގެން އެއްވެސް ޖަނަވާރެއް ނުގެންގުޅޭ ކަމަށް މި ފިރިހެންމީހާ ޑޮކްޓަރު ކައިރީ ބުނި ކަމަށް ވެއެވެ. ނަމަވެސް ބޭރުގައި ކަސްރަތުކުރަން ހޭދަކުރާ ވަގުތުގައި ވަރަށް ގިނަ ޖަނަވާރުންގެ ގައިގައި އަތްލާ އުޅޭކަމަށް އެމީހާ ބުނި ކަމަށް ވެއެވެ.
ޖަނަވާރުންގެ ގައިގައި ހުންނަ ޕެރަސައިޓްސް އަށް ސަމާލުވުމަށް ޑޮކްޓަރުން ވަނީ ހުރިހާ އެންމެންނަށް އިލްތިމާސް ކޮށްފަ އެވެ. އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކުން ވެސް މިފަދަ ޕެރަސައިޓެއް އިންސާނުންގެ ގަޔަށް އަރައި ވަރަށް ބޮޑެތި ސިއްހީ މައްސަލަތަކާ ކުރިމަތިވެދާނެކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.
ލޯ ފުސްވުން ނުވަތަ ލޮލަށް އެއްވެސް ކަހަލަ އުނދަގުލެއް ވާނަމަ ޑޮކްޓަރަށް ނުދައްކާ މަޑުނުކޮށް ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ވެސް ވެން ގެ ލޮލުން ފަނިތައް ނަގައިދިން ޑޮކްޓަރު ވަނީ އެދިފަ އެވެ.