އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަ ކުރަމުން އަންނަ ކުލަބު، ޑާބީ ކައުންޓީ ގަންނަން އަރަބި އެމިރޭޓްސްގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝައިހް ހާލިދު ބިން ޒިޔާދް އަލް ނަހްޔާން ޝައުގުވެރިކަން ފާޅު ކުރައްވައިފި އެވެ.
ޝައިހް ހާލިދަކީ މެންޗެސްޓާ ސިޓީގެ ވެރިޔާ ޝައިހް މަންސޫރުގެ ދެބެންދެދަރި ބޭފުޅެކެވެ އަދި އޭނާއަކީ ދުބާއީއަށް ނިސްބަތްވާ ބިން ޒައިދު ގުރޫޕްގެ ޗެއާމަން އެވެ. ޑާބީ ކައުންޓީގެ މިހާރުގެ އޯނަރު މެލް މޮރިސް އެ ކުލަބު ގަތީ 2015 ވަނަ އަހަރު އެވެ. އެކަށީގެންވާ ބިޑެއް ލިބޭނަމަ އޭނާ ހުރީ ކުލަބު ވިއްކާލަން ތައްޔާރު ވެގެންނެވެ.
ޑާބީ ކައުންޓީގެ ގަތުމުގެ ޝައުގުވެރިކަން ހާލިދުގެ ކޮންސޯޓިއަމްއިން ފާޅު ކުރީ މިދިޔަ މަހު އެވެ. މިދިޔަ މަހު އިނގިރޭސި ވިލާތުގައި ޑާވެންޓިއޯ ހޯލްޑިންގްސް ނަމުގައި ކުންފުޏްނެއް ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. އެ ކުންފުނީގެ ތިން ޑައިރެކްޓަރުންގެ ތެރޭގައި ޝައިހް ހާލިދުގެ ބިން ޒިޔާދު ގުރޫޕްގެ މެނޭޖިން ޑައިރެކްޓާ މިދުހަތު ކަމާލް ކިޑާވައި ހިމެނެ އެވެ. ދެން ހިމެނެނީ ސްވިޒަލޭންޑްގައި ދިރިއުޅެމުންދާ އިނގިރޭސި ވިލާތުގެ ދެ އޮންޓަޕްރެނޭސް ކަމަށްވާ، އެންޑްރޫ އޮބެލެންސްކީ އަދި ކްރިސްޓޮފާ ސެމިއުލްސޮން އެވެ.
ޑާވެންޓިއޯ އެ ނަމަކީ، ޑާބީ އާ ކުރިން ގުޅުން ހުރި ނަަމެކެވެ. މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން ޑާވެންޓިއޯ ހޯލްޑިންގްސް މަންދޫބުން ވަނީ މިފަހުން ޑާބީ ކައުންޓީ ކުޅުނު ހޯމް މެޗުތައް ބަލަން ސްޓޭޑިއަމްއަށް ޒިޔާރަތް ކޮށްފަ އެވެ.
ޝައިހް ހާލިދު މީގެ ކުރިން ލިވަޕޫލް ގަންނަން ހުށަހެޅި އެވެ. އޭނާ ވަނީ 2018 ގައި ލިވަޕޫލް ގަންނަން ދެ ބިލިއަން ޕައުންޑް ހުށަހަޅާފަ އެވެ. އަދި މިދިޔަ އަހަރު ނިއުކާސަލް ޔުނައިޓެޑް ގަންނަން 350 މިލިއަން ޕައުންޑް ހުށަހެޅި އެވެ. އެހެންނަމަވެސް އެ ދެ ޕްރޮޖެކްޓް ވެސް ކާމިޔާބެއް ނުވި އެވެ.
ޑާވެންޓިއޯގެ އެއް ޑައިރެކްޓަރު ސެމިއުލްސަން އަކީ އިނގިރޭސި ފުޓްބޯލް ބިޒްނަސްގައި އާ ނަމެއް ނޫނެވެ. މީގެ ކުރިން ރަޝިއާގެ މަހުޖަނަކު ރީޑިން ގަންނަން 2012 ވަނަ އަހަރު ކުރި މަސައްކަތުގައި ސެމިިއުލްސަން ވަނީ ހަރަކާތްތެރި ވެފަ އެވެ. އަދި ޗައިނާގެ ޓޯނީ ޒިއާ 2016 ވަނަ އަހަރު އެސްޓަން ވިލާ ގަތް އިރުވެސް އެ ބިޑްގައިވެސް ސެމިއުލްސްމަން ހަރަކާތްތެރި ވިއެވެ.