ހަބަރު

އޮންލައިން ފޮތް މައުރަޒެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

އިސްލާމީ ޔުނިވާސިޓީން އިންތިޒާމުކޮށްގެން އޮންލައިންކޮށް ބާއްވާ ފޮތް މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ރާއްޖޭގައި އޮންލައިންކޮށް ބާއްވާ ފުރަތަމަ އޮންލައިން ފޮތް މައުރަޒެވެ.

އިސްލާމިކް ޔުނިވާސިޓީން 2018 ވަނަ އަހަރުވެސް ވަނީ ފޮތް މައުރަޒެއް ބާއްވާފަ އެވެ. އެކަމަކު މިއަހަރުގެ ފޮތް މައުރަޒު އޮންލައިންކޮށް ބާއްވަން ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފަ އެވެ.

އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މައުރަޒުގައި ބައިވެރިވުމަށް ޝާއިއުކުރާ ފަރާތްތަކަށާއި، ބުކްޝޮޕްތަކަށާއި، ލިޔުންތެރިންނަށާއި އަދި ފޮތް ވިއްކާ ފަރާތްތަކަށް މިހާރުވަނީ ހުޅުވާލާފަ އެވެ.

އިސްލާމިކް ޔުނިވާސިޓިން ބުނީ މިމައުރަޒުގެ ބޭއްވުމުގެ މައިގަނޑު މަގްސަދަކީ، އިލްމު ފެތުރުމަށާއި އަދި މައުލޫމާތު މުއްސަނދި ކުރުމަށް އެހީތެރިވުމުގެ ގޮތުން އެކިބާވަތުގެ ފޮތާއި މަޖައްލާ އަދި އޯޑިއޯ-ވިޝުއަލް ފަދަ ތަކެތި ހެޔޮ އަގުގައި އެއް ޕްލެޓްފޯމަކުން އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ލިޔުންތެރިންނާއި ޝާއިއުކުރާ އަދި ފޮތް ވިއްކާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކަމަށެވެ. އަދި ކިޔުންތެރިކަމަށް ޝައުގުވެރިކަން އިތުރު ކުރުމަށާއި، މިސަގާފަތް ދެމެހެއްޓުމަށާއި އަދި ދިރާސާކުރާ ފަރާތްތަކަށް ތަފާތު ބާވަތުގެ ފޮތާއި މަޖައްލާ ފަދަ ތަކެތި ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ހިލޭ ފޮތް މަޖައްލާ ތަކެތި ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށްވެސް ޔުނިވާސިޓީން ވަނީ ބުނެފަ އެވެ.

ފޮތް މައުރަޒުގައި ހިންގުމަށް ރާވާފައިވާ ހަރަކާތްތަށް

  • ފޮތަކާ ބެހޭގޮތުން ވާހަކަ ދެއްކުން ނުވަތަ ބުކްޓޯކް
  • ވާހަަކަ ކިޔައިދިނުން ނުވަަތަ ސްޓޯރީ ޓެލިން
  • ފޮތް ކިޔުމުގެ މުހިއްމު ކަމާއި ބެހޭގޮތުން ޕެނަލް ޑިސްކަޝަން
  • ތައާރަފް ނުވަތަ ސަމަރީ ލިޔުމުގެ މުބާރާތް
  • ބުކް ރިވިއު ލިޔުމުގެ މުބާރާތް

މި މައުރަޒު އޮންލައިންްކޮށް ބޭއްވުމުން ގިނަ ފައިދާތަކެއް ވެގެންދާނެ ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފަ އެވެ. އެގޮތުންރަ ށްރަށުގައި ދިރިއުޅޭ ފަރާތަކަށާއި ހުރިހާ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ހުރި ތަނަކުން މި މައުރަޒުން ތަކެތި ގަތުމަށް މަގުފަހިވުމާއި އަދި ގިނަ ބަޔަކަށް މިމައުރަޒުގެ ހިދުމަތް ލިބުމަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ.

މައުރަޒުގައި ތަކެތި ވިއްކާ ފަރާތްތަކަށްވާނެ ފައިދާތަކަކީ:

  • އިޝްތިހާރުވެ ތަކެތި ޕްރޮމޯތް ކުރުމަށް މަގުފަހިވުން.
  • ކޮންމެ ތަނެއްގައި ހުރިނަމަވެސް ފަސޭހަކަމާއެކު ފޮތް ވިއްކުމަށް މަގުފަހިވުން.
  • ހޯލްސޭލްކޮށްވެސް ތަކެތި ވިއްކުމަށް ހުޅުވޭ މަގަކަށްވުމާއި، މިމަސައްކަތްކުރުމަށް ލުއިފަސޭހަވުން.

މައުރަޒު ސްޕޮންސާ ކުރުމަށާއި ޕާޓްނާޝިޕް ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށާއި މައުރަޒުގައި ރަޖިސްޓްރީވުމުގެ އެންމެފަހު ތާރީހަކީ އަންނަ މަހުގެ 20 ވަނަ ދުވަސް ކަމށް އިސްލާމިކް ޔުނިވާސިޓީން ވަނީ ބުނެފަ އެވެ.