ހަބަރު

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުން އުމަރު ވަކިކޮށްފި

Jan 11, 2015

ސަރުކާރާއި ރައްޔިތުން ހިއްސާވާ ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރު މިއަދު މަގާމުން ވަކިކޮށްފި އެވެ.

އުމަރު އެ މަގާމުން ވަކިކުރަން ޕްރައިވެޓައިޒޭޝަން ބޯޑަށް ހުށަހެޅީ ސަރުކާރުންނެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އުމަރު މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އުމަރު އެ މަގާމަށް އައްޔަންކޮށްފައިވަނީ މިހާރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެވެ. މިއަދާ ހަމައަށް އޭނާ ގެންދެވީ އެމްޑަބްލިއުއެސްސީގެ އެމްޑީކަމުގެ އިތުރުން އައިލެންޑް ބެވަރޭޖެސްގެ ސީއީއޯގެ މަގާމު ވެސް އަދާ ކުރައްވަމުންނެވެ. އަދި މުސާރައިގެ ގޮތުގައި އޭނާ މަހަކު 120،000ރ. ލިބެ އެވެ.

އުމަރު އެ މަގާމަށް އައްޔަން ކުރިއިރު އޭނާ ހުންނެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މެންބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ސަރުކާރު ހިންގާ ޕީޕީއެމާ ގުޅި ވަޑައިގެންފަ އެވެ. އަދި އެޕާޓީއާ ގުޅި ވަޑައިގަތުމަށްފަހު ވެސް ޖޭޕީގެ ކައުންސިލަށް ވަޑައިގަތް ކަމަށް ވެއެވެ.