ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑުގައި ރާއްޖެއިން 38 ވަނަ މީހާ މަރުވެއްޖެ

ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 38 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ދ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ އުމުރުން 60 އަހަރު ދިވެހި ފިރިހެނަކު ރޭ މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވެފައިވަނީ ރޭ 7:30 ގައެވެ. އެއީ ކޮވިޑްގެ ބަލި މީހެކެވެ. އެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަަދަދު 38 އަށް ވަނީ އަރާފައެވެ.

އެނގިފައިވާ ގޮތުގަައި އެ މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މަރުވުމުން ވަޅުވެސް ލީފަހުންނެވެ. އެކަމާއި ގުޅޭގޮތުން އެޗްޕީއޭއިން ވަކި އެއްޗެއް ނުބުނެއެވެ.

ކޮވިޑްގައި ރާއްޖެއިން މަރުވީ 31 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން 236 ދުވަސް ހޭދަ ކޮށްފައިވާއިރު މިހާތަނަށް 11,643 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 10،779 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފަ އެވެ. އެއީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 92 ޕަސެންޓް މީހުންނެވެ. ކޮވިޑުން ރަނގަޅު ނުވެ ތިބީ 820 މީހުންނެވެ. އޭގެ ތެރެއިން 54 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑްގައި ރާއްޖެ ހޭދަކުރި އެންމެ އުނދަގޫ ދުވަސްތަކަކީ އޮގަސްޓް މަހުގެ ދުވަސްތަކެވެ. އެ މަހު އެކަނިވެސް 3،900 މީހަކަށް ބަލި ޖެހުނެވެ. 12 މީހަކު މަރުވިއެވެ. ނަމަވެސް ސެޕްޓެންބަރުން ފެށިގެން އެ ނަންބަރު ވަނީ ދަށްވާން ފަށާފައެވެ. މިއަދު ޕޮޒިޓިވްވީ 24 މީހެކެވެ. އެއީ 20 ދިވެހިިންނާއި ހަތަރު ބިދޭސީންނެވެ. މިއީ މި ފަހުން އެންމެ މަދުން މީހުން ޕޮޒިޓިވްވީ ދުވަހެވެ. މި ދިޔަ ސާޅީސް ފަސް ދުވަހުގެ ތެރޭގައި 100 އިން މައްޗަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު އެރީ އެންމެ ދުވަހަކުއެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅި ނަމަވެސް ކޮވިޑް ފެތުރޭ މިންވަރު ދަށަށްދާން ފެށުމުން ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ.