ބޭރު ކުޅިވަރު

ނޭމާ ހަތަރު ގޯލު ޖެހިއިރު، ރެއާލް އެއްވަނަ އަށް

ދެ ޕެނަލްޓީއާއެކު ބްރެޒިލްގެ ނޭމާ ޖަހައިދިން ހަތަރު ގޯލާއެކު ބާސެލޯނާ މޮޅުވިއިރު ސްޕެނިޝް ލީގުގެ ޓޭބަލުގެ އެއްވަނަ އަށް ރެއާލް މެޑްރިޑް ޖެހިލައިފި އެވެ.

ވާދަވެރި މި ދެ ޓީމަށް ވެސް ލިބިފައިވަނީ 18 ޕޮއިންޓެވެ. އެކަމަކު ފައިދާ ގޯލުގެ ތަފާތުން ކުރި ލިބެނީ ރެއާލް އަށެވެ.

ލީގުގައި ރޭ ރެއާލް މެޑްރިޑް މޮޅުވީ ލެވަންޓޭ އަތުން 3-0އިންނެވެ. ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މާސެލޯ އަދި ޖެސޭ ރޮޑްރިގޭޒް އެވެ.

ލަޔޮނަލް މެސީ ނެތި ކުޅެން ޖެހުމުން ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ބާސެލޯނާ މޮޅުވީ ރާޔޯ ވަޔެކާނޯ އަތުން 5-2އިންނެވެ.

މެޗުގައި ބާސެލޯނާ ޖެހި ފުރަތަމަ ދެ ގޯލަކީ ވެސް ލިބުނު ދެ ޕެނަލްޓީން ބްރެޒިލްގެ ނޭމާ ޖެހި ދެ ގޯލެވެ. މެޗުގެ 22 ވަނަ މިނިޓާއި 32 ވަނަ މިނިޓްގައި އޭނާ މި ދެ ލަނޑު ޖެހީ 15 ވަނަ މިނިޓްގައި ހަވީ ގުއެރާ ލަނޑު ޖެހައި ވަޔެކާނޯ ކުރީގައި އޮއްވަ އެވެ.

އޭގެ ފަހުން ނޭމާ އިތުރު ދެ ގޯލު ޖަހައި މެޗުގައި އޭނާ ޖެހި ގޯލުގެ އަދަދު ހަތަރަކަށް އެރުވި ފަހުން ފަސް ވަނަ ގޯލު ޖެހީ ލުއިސް ސުއަރޭޒް އެވެ.