ހަބަރު

ހިޔާ ފްލެޓާއެކު ގިނަ ހިދުމަތްތައް ގާއިމުކުރާނެ: އެޗްޑީސީ

Nov 1, 2020
1

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިޔަށްދާ "ހިޔާ" މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތައް އަންނަ ފެބްރުއަރީ މަހު ނިންމާލެވޭނެ ކަމަށާއި، އެތަނުގައި މީހުން ދިރިއުޅެން ފަށާއިރު، އެކަމާ ގުޅިގެން ބޭނުންވާ ގިނަ ހިދުމަތްތައްވެސް ނިންމާލެވޭނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ޕްރޮގްރާމަކަށް މައުލޫމާތު ދެއްވަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

ފްލެޓުތަކުގެ މަސައްކަތްތަކާއެކު އެތަކެއް ހާސް މީހުން ދިރިއުޅެން ފަށާއިރު، އެ ސަރަހައްދުގައި ގާއިމުކުރަންޖެހޭ ވަސީލްތައް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ވަރަށް ހަލުއިކޮށް ކުރިއަށްދާ ކަމަށް ސުހައިލް ވިދާޅުވި އެވެ.

މިގޮތުން، އެ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުމަށް، ގިނަ އަދަދެއްގެ މީހުނަށް އެއް ފަހަރާ މަޑުކޮށްލެވޭ ވަރުގެ ބޮޑު ދެ ބަސް ސްޓޮޕް ގާއިކުރުމަށް ވިސްނާފައިވާ ކަމަށާއި، އެ މަސައްކަތް ބަޔަކާ ހަވާލުކުރަން ވަރަށް އަވަހަށް އިއުލާނުކުރާނެކަމަށް އޭނާ ހާމަކުރެއްވި އެވެ.

މީގެ އިތުރުން، ދެ ވަނަ ފިޔަވަހީގައި އިތުރު މަގުތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ދެވަނަ ފިޔަވަހީގައި މިހާރު ތަރައްގީ ކުރަމުންދާ މިސްކިތުގެ މަސައްކަތް އަންނަ ރޯދަ މަހަށް ނިމޭނެކަމަށް ބެލެވިފައިވީ ނަމަވެސް، އޭގެ ކުރިން ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށަންވާއިރަށް، ވަގުތީ މިސްކިތެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ސުހައިލް ވިދާޅުވި އެވެ.

"7،000 ފްލެޓަށް މީހުން އަންނަންވާއިރަށް އެ މަސައްކަތްވެސް ނިންމާނެ. އަދި އަމިއްލަ ދެ ފަރާތުންވެސް މިސްކިތް ޑޮނޭޓް ކުރަން އެދިފައިވަނީ. އެފަދަ ދެ ފަރާތަކާވާހަކަ ދައްކަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވަހި ގުޅުވާދޭ އެއް ބުރިޖު މިހާރު ވަނީ އާއްމުކޮށް ހުޅުވާލާފައިވާއިރު، އެތަނުގައި ބައެއް މީހުން ވަނީ ދިރިއުޅެންވެސް ފަށައިފަ އެވެ.

ސުހައިލް ވިދާޅުވީ ދެވަނަ ފިޔަވަހި އެކީގައި އާއްމުންނަށް ހުޅުވާލާނީ އެތަނުގައި މިހާރު ކުރިއަށްދާ ބައެއް މަޝްރޫއުތައް ނިމުމުން ކަމަށެވެ.