މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑު އޯލްޑްޓަރަފާޑްގައި، އާސެނަލްއިން ޔުނައިޓެޑް 1-0 ން ބަލި ކޮށްފި އެވެ.
މިދިޔަ ހަފުތާގައި، ޗެމްޕިއަންސް ލީގްގައި ޖަރުމަންގެ އާރްބީ ލައިޕްޒިގްގެ މައްޗަށް 5-0 ން މޮޅުވި ޔުނައިޓެޑް، އާސެނަލް އަތުން ބަލިވީ ދެ ވަނަ ހާފުގައި އެ ޓީމަށް ލިބުނު ޕެނަލްޓީގައި ޕީއާ އެމްރިކް އޮބާމެޔެންގް ކާމިޔާބު ކުރި ޕެނަލްޓީންނެވެ. ލައިޕްޒިގް މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރައި ހެޓްރިކް މާކޯސް ރަޝްފާޑަށް އާސެނަލްއާ ދެކޮޅަށް ފުލުކޮށް ކުޅުނު އިރުވެސް ޔުނައިޓެޑް ކޮޅަށް ނަތީޖާ ބަދަލު ކޮށްލެވޭ ގޮތެއް ނުވި އެވެ.
އާސެނަލްއަށް ލިބުނު ޕެނަލްޓީ އަކީ މެޗުގެ 67 ވަނަ މިނެޓްގައި، ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ޕައުލް ޕޮގްބާ، އާސެނަލްގެ ހެކްޓާ ބެލެރިންއަށް ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ޕޮގްބާ މަސައްކަތް ކުރި ބެލެރިންގެ ފައިދަށުގައި އޮތް ބޯޅަ ބޭރު ކޮށްލުމަށެވެ. އެެހެންނަމަވެސް އޭނަ ކުރި ޗެލެންޖުގައި ބެލެރިން އޭރިއާ ތެރެއަށް ވެއްޓުނެވެ.
އޭސެނަލްގެ ޕެނަލްޓީ އޮބާމެޔެންގް ފޮނުވާލީ، ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަށް އޮޅުވާލުމަށް ފަހު ޑެހެއާ ޑައިވް ކުރި ނޫން އަނެއް ފަޅިއަށެވެ. ތާވަލުގެ އެއް ވަަނަ މަގާމަށް ދާން ފުރުސަތު ލިބުނު އެވަޓަންއަށް އެ ފުރުސަތު ގެއްލުނީ ނިއުކާސަލް އަތުން 2-1 ން ބަލިވުމުންނެވެ. އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު ސައުތުހެމްޓަން ވަނީ 4-3 ކާމިޔާބު ކޮށްފަ އެވެ
މިހާރު ތާވަލުގެ އެއް ވަނައިގައި އޮތީ، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ އެވަޓަންގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އެވަޓަންއަށް 13 ޕޮއިންޓެވެ. ލިވަޕޫލް ވަނީ 16 ޕޮއިންޓް ހޯދާފަ އެވެ.