ރާއްޖެ ކުޅިވަރު

ހުރިހާ އެޑްވާންޓޭޖެއް އޮތީ ވެލެންސިއާ އަށް: ސްޓޮއިކޯފް

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިއަދު ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު އޭނާގެ ޓީމަށް އޮތީ މުޅިން ވެސް ޑިސްއެޑްވާންޓޭޖް ކަމަށް މަހިބަދޫގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނެފި އެވެ.

ބަލްގޭރިޔާގެ ކޯޗު ބުނީ ވެލެންސިއާ އަށް ލިބޭ އެންމެ ފުރަތަމަ އެޑްވާންޓޭޖަކީ ޓާފް ދަނޑުގައި މެޗު ކުޅުން ކަމަށެވެ.

"އަހަރުމެން ޕްރެކްޓިސް މިކުރަނީ މުޅިން ވެސް ވެލި ދަނޑުގައި. މެޗު ކުޅެން މިޖެހެނީ ޓާފް ދަނޑުގައި. ވެލެންސިއާ އަކީ ހަފުތާއަކު ހަ ދުވަހު ޓާފްގައި ކުޅޭ ބައެއް. އަހަރުމެން ޓާފް ދަނޑުގައި ކުޅެފައިވާނީ ވެސް މިއަހަރު މިހާތަނަށް ހައެއްކަ ފަހަރު. އެހެންވީމަ މި ދަނޑުގައި ކުޅެން ޖެހުމަކީ އަހަރުމެންނަށް ވަރަށް ބޮޑު ޑިސްއެޑްވާންޓޭޖެއް،" ކުރީގެ ގައުމީ ކޯޗު ބުންޏެވެ.

ޓޭބަލުގެ ފުލުގައި އޮތް ދެ ޓީމުގެ މެޗާ ބެހޭ ގޮތުން ސްޓޮއިކޯފް ބުނީ އޭނާގެ ޓީމަކީ އިންޑިވިޖުއަލް މިސްޓޭކް ގިނަ ޓީމެއް ކަމަށެވެ.

"އަހަރުމެން ވަރަށް ރަނގަޅަށް ކުޅުނިން ޕްރެޒިޑެންޓްސް ކަޕުގައި ވެސް. އެކަމަކު ވަކިވަކި ކުޅުންތެރިން މިސްޓޭކް ހަދައިގެން ބަލިވަނީ. ފުރަތަމަ ހަދާ މިސްޓޭކަކީ ވެސް ގޯލެއް. ދެވަނަ އަށް ހަދާ މިސްޓޭކަކީ ވެސް ގޯލެއް. އެ ހިސާބުން މެޗު އޮންނަނީ އަހަރުމެންނަށް ގެއްލިފައި،" ނިއު ރޭޑިއަންޓަށް ވެސް ކުރިން ކޯޗުކޮށްދިން ސްޓޮއިކޯފް ބުންޏެވެ.

އޭނާ ބުނީ ވެލެންސިއާ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ބޮޑު ކުލަބެއް ކަމަށާއި މިހާރު އާދައިގެ ޓީމެއް އޮތް ނަމަވެސް ވެލެންސިއާއަތުން މޮޅުވެވޭނީ ކުޅުންތެރިން ހިތްވަރުކޮށްގެން ކަމަށެވެ.

މާދަމާގެ މެޗަށް މިދެ ޓީމު ނުކުންނައިރު ވެލެންސިއާ އޮތީ ތިން ޕޮއިންޓާއެކު ފަހަތުން ދެ ވަނާގަ އެވެ. މަހިބަދޫ އޮތީ އެންމެ ޕޮއިންޓަކާއެކު ޓޭބަލުގެ ފުލުގަ އެވެ.