ބޮލީވުޑް

"މޯހެންޖޯ ޑާރޯ" ފްލޮޕްވުމުން ހިތްހަލާކުވި: ޕޫޖާ ހެގްޅޭ

ޕޫޖާ ހެގްޅޭ އަށް ބޮލީވުޑަށް ތައާރަފްވާން ލިބުނީ އެހެން އެކްޓަރުންނަށް ހުވަފެނުން ވެސް ނުފެންނަ ވަރުގެ ފިލްމެކެވެ. ޑައިރެކްޓަރު އަޝޫތޯޝް ގޮވަރިކަރްގެ "މޯހަންޖޯ ޑާރޯ" އެވެ.

އަޝޫތޯޝް އަކީ ވަރަށް މޮޅު ޑައިރެކްޓަރަކަށް ވެފައި ފިލްމުގެ ބަތަލަކީ ރިތިކް ރޯޝަން ކަމަށް ވުމުން ޕޫޖާގެ ނަސީބު ވަރަށް ގަދަކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވޭނެ އެވެ. ޚުދް ޕޫޖާ ވެސް ދުށީ އެގޮތަށެވެ. ނަމަވެސް "މޯހަންޖޯ ޑާރޯ" ބޮކްސް އޮފީހުގައި ބޮމެއް ހެން ގޮވި އެވެ. އެއާއެކު ޕޫޖާގެ ހިތް ކުދިކުދި ވިއެވެ. އެހެންވެ ހިންދީ ފިލްމު ކުޅެން ފަސްޖެހިފައި އޭނާ ދުވަސްކޮޅަކު ހުރި ކަމަށް އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޕޫޖާ ބުނެފައި ވެއެވެ.

ޕޫޖާ ބުނީ "މޯހަންޖޯ ޑާރޯ" އަށް ފަހު ސައުތު އިންޑިޔާ ފިލްމުތަކަށް ފޯކަސް ކޮށްގެން ހަތަރު ވަރަކަށް އަހަރު ހުރި ކަމަށެވެ. އިތުރު ހިންދީ ފިލްމެއް ކުޅޭނެ ހިތްވަރު ނެތިގެންނެވެ. ހަތަރު އަހަރު ފަހުން އޭނާ ކުޅެފައިވަނީ "ހައުސްފުލް 4" އެވެ.

އެހާ ގިނަ ދުވަހު މަޑުކުރީ ދެ ވަނަ ފިލްމަކީ ރަނގަޅު ކާމިޔާބެއް ލިބޭ ކަހަލަ ފިލްމަކަށް ވޭތޯ ޔަގީންކުރުމުގެ ގޮތުން ކަމަށް ވެސް ޕޫޖާ ބުންޏެވެ.

ނަސީބަކުން ދެ ވަނަ ފިލްމު "ހައުސްފުލް 4" ކާމިޔާބުވުމުން ޕޫޖާގެ ހިންދީ ފިލްމުތަކަށް ޕޫޖާއަށް އޮތް އިތުބާރު އަނެއްކާވެސް ލިބުނެވެ. ދާދިފަހުން ޕޫޖާ ވަނީ ރޯހިތު ޝެޓީގެ "ސާކަސް" ކުޅެން ސޮއިކޮށްފަ އެވެ. މި ފިލްމުގައި ރަންވީރު ސިންގް، ޖެކްލީން ފެނާންޑިސް އަދި ވަރުން ޝަރުމާ ބައިވެރިވެ އެވެ.

"ސާކަސް" އަކީ ޝެކްސްޕިއާގެ ޕްލޭ އެއް ކަމަށްވާ "ދަ ކޮމެޑީ އޮފް އެރާޒް"ގެ މައްޗަށް ރޯހިތު އުފައްދާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި އިންޑިޔާގެ ބައެއް ރަށްތަކުގައި ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

ޕޫޖާ މިހާރު މަސައްކަތް ކުރަމުންދަނީ ސައުތު ސުޕަސްޓާ ޕްރަބާސް އާއެކު ކުޅޭ "ރާދޭ ޝާމް" ގައެވެ. މި ފިލްމު ހިންދީ، ތަމަޅަ، ތެލުގޫ ބަހުން ނެރުމަށް ހަމަޖެހިފައި ވެއެވެ. ފިލްމުގައި ޕޫޖާ ކުޅެނީ މިއުޒިކް ޓީޗަރެއްގެ ރޯލެވެ.