ކޮވިޑް-19 އާއި ގުޅީގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރު މާޗު މަހުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ފަސްކުރެވިފައިވާ އިންތިހާބު އަންނަ މާޗު މަހުގެ ކުރީކޮޅު ބޭއްވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އިންތިހާބު ބޭއްވޭނީ ކޮވިޑްގެ ހާލަތުން އަރައިގަނެ ކަމާގުޅެ އިދާރާތަކުން އިންތިހާބު ބޭއްވޭނެ ކަމުގެ ހާލަތެއް އޮތް ކަމަށް ބުނުމުން ކަމަށް ވިދާޅުވި އެވެ.
އަކުރަމް ވިދާޅުވީ އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް މިހާރު ކުރަމުންދަ ކަމަށެވެ. އެގޮތުން މިހާތަނަށް ނަން އަނބުރާ ގެންގޮސްފައިވާ ފަރާތްތައް އަޕްޑޭޓް ކުރުމާއި ނަން އަނބުރާ ގެންދެވޭނެ މުއްދަތެއް ކަނޑައެޅުމާއި ރީރެޖިސްޓްރީގެ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މަސައްކަތް މިކުރަނި މާޗު މަހުގެ ކުރީކޮޅު އިންތިހާބު ބޭއްވޭތޯ. އެކަމަކު ކޮވިޑްގެ ހާލަތަށް ބަލާފަ ކަމާގުޅެ އިދާރާތަކުން އިންތިހާބު ބޭއްވޭނެ ހާލަތެއް އޮތް ކަމަށް ބުނެފި ނަމަ އިންތިހާބު ބާއްވާނީ. ދެން އިދާރީ ކަން ކަން މިހާރު ކުރިއަށް މިދަނީ، އޭގެ ތެރޭގައި ނަން އަނބުރާ ގެންދާ ފަރާތްތަށް އަޕްޑޭތްކޮށް އެ ފަރާތްތަކުގެ ނަން އުނިކުރުމަށްފަހު ކެންޑިޑޭޓުންގެ ނަން އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރިއަށް މިދަނީ. ދެން މިހާލަތުގަ އެންމެ ރައްކާތެރި ގޮތަކީވެސް އޮންލައިންކޮށް ކަންކަން ފަހިވެގެން ދިޔުން. އެހެންވެ ރީ ރެޖިސްޓްރީ ކުރުމުގެ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމަށް މިދަނީ މަސައްކަތް ކުރުން." އޭނާ ވިދާޅުވި އެވެ.
އަކުރަމް އިތުރަށް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ތިން ފޫޓު ތިން ފޫޓު ދުރުމިނުގައި ވޯޓުލާން އަންނަ މީހުންގެ ކިޔޫ ތަރުތީބު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެހެންކަމަށްވާނަމަ ވޯޓުލާ މަރުކަޒުގެ އަދަދު އިތުރުކުރަންޖެހިދާނެ ކަމަށްވެސް ވިދާޅުވި އެވެ. މީގެ އިތުރަށް މިކަންކަމަކީ އިތުރު ހަރަދުތައް ހޭދަވާނެ ކަންކަމަށްވާތީ އިންތިހާބު ބަޖެޓަށްވެސް ބަދަލު ގެންނަން ޖެހޭ ކަމަށާއި އެކަމަށް ބޭނުންވާ ބަޖެޓު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވެފައިވާ ލޯކަލް ކައުންސިލް އިންހާބާއި އަނަހެނުންގެ ތަރައްގީ އަށ ްމަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ މުޅި ދުނިޔޭގައިވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ. އަދި އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައަޅާފަ އެއް ނުވެ އެވެ.