ބޮޑެތި ކުށްތައް ކުރުމުގައި ބަދަލުތަކެއް އަންނަ ކަމަށާއި ކުށްވެރިން އެކަން ކުރަނީ، އެއީ ކުރުން ރަނގަޅު ކަމެއް ކަމަށް ދެކިގެން އަދި ދީނީ އަގީދާގެ ސަބަބުން ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު 25 ގައި، ބެންކް އޮފް ސިލޯން އިން ފައިސާތަކެއް ފޭރެން އުޅުނު މައްސަލަ އާއި ފަހަކަށް އައިސް ފޭރުމުގެ މައްސަލަތައް ގިނަވަމުން ދާތީ، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ކަމާ ގުޅުންހުރި އިދާރާތައް ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި 'ވައިލެންޓް ކްރައިމްސް' ކުރުމުގައި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
މިހާރު އެ ފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަކީ، އެކަންކަން ޖަސްޓިފައިކޮށްގެން އެއީ ކުރުން ރަނގަޅުކަމެއް ކަމަށް ގަބޫލުކޮށްގެން ކުރާ މީހުން ކަމަށެވެ.
އަދި، ދީނީ އަގީދާގެ ސަބަބުން އެކަން ކުރާ މީހުން ރާއްޖޭގައި ގިނަވަމުން އަންނަ ކަމަށްވެސް އޭސީޕީ ވިދާޅުވި އެވެ.
"މިހާރު އެފަދަ ކުށްތަކަށް އަރައިގަންނަ ބައެއް މީހުުންނަކީ ކްރިމިނަލް ސައިކޮލޮޖީގެ އިބާރާތުން ކިޔާ ނަމަ އަމިއްލަ އަށް އެކަންކަން ޖަސްޓިފައިކޮށްގެން އެއީ ހަމަ ކުރުން ރަނގަޅު ކަމެއްކަމަށް ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލްކޮށްގެން އެ ކުށް ކުރާ މީހުން އެބަ ތިބި، އެހެން ގޮތަކަށް ދަންނަވާނަމަ، ދީނީ އަގީދާގެ ސަބަބުން އެކަން ކުރާ މީހުން އެބަ ތިބި.." އޭސީޕީ މުހައްމަދު ރިޔާޒް ވިދާޅުވި އެވެ.
މިއަދު ބޭއްވި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ހާޒިރުކޮށްފައިވަނީ، ޑިފެންސް އާއި ހޯމް މިނިސްޓްރީގެ އިތުރުން ފުލުހުންނާއި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސްވެރިންނެވެ. މި ކޮމިޓީ ފުލުހުން އެދިގެން ފަހުން ވަނީ ސިއްރުކޮށްފަ އެވެ.
މި ކޮމިޓީގައި، މަހަށް ދިޔަ ދޯންޏަކަށް ހަތިޔާރު ކަމަށް ބެލެވޭތަކެއްޗާއެކު ބަޔަކު ގަދަކަމުން އެރި މައްސަލާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެ އެވެ. އަދި މި ފަހުން އައިސް، ފޭރުމާއި އިތުރު ކުށްތައް ގިނަވަމުންދާ މައްސަލާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެ އެވެ.